11 Jun 2011, 15:27
ސ. ފޭދޫގައި މިއަދު މެންދުރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 18 އަހަރުގެ ޒުވާނަކަށް ވަރަށް ބޮޑަށް އަނިޔާވެ، ސިީރިއަސް ހާލަތަކަށް ހިނގައްޖެ އެވެ.
އެ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ، ސ. ފޭދޫ ހުދުވެލި، އަލީ ޝިއުޔާން އަހުމަދެވެ.
ފުލުހުން ބުނީ، އެ އެކްސިޑެންޓު ހިނގައިފައި ވަނީ ފޭދޫ ފިހާރައެއްގައި މަސައްކަތްކުރާ ބިދޭސީ މީހެއް ދުއްވައިފައި ދިޔަ ސައިކަލާ ޝިއުޔާން ދުއްވަން އިން ސައިކަލް ޖެހިގެން ކަމަށެވެ. އެކްސިޑެންޓުގައި ބިދޭސީ މީހާ އަށް މާބޮޑު އަނިޔާއެއް ލިބިފައެއް ނުވެ އެވެ. އޭނާ އަށް ފޭދޫ ސިއްހީ މަރުކަޒުގައި އަންނަނީ ފަރުވާދެމުންނެވެ.
އެހެންނަމަވެސް، އެ އެކްސިޑެންޓުގައި ޝިއުޔާންގެ ބޯފަޅައިގެންގޮސް، އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ފުލުހުން ބުނީ، އޭނާގެ ބޮލުން ލޭމަނާ ނުވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ލިބިފައިވާ ކަމަށާއި އޭނާ މާލެ ގެނައުމަށް އާއިލާ އިން މަސައްކަތްކުރަމުންދާ ކަމަށެވެ.
މިއީ ދެތިން ދުވަހުގެ ތެރޭގައި އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް ހާލަތަކަށް ދިޔަ ދެ ވަނަ ޒުވާނާ އެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ހުސެއިން މުހުސިން، 19، އަށް ފަރުވާދިނުމަށް ލަންކާއަށް ވަނީ ގެންގޮސްފަ އެވެ. އޭނާގެ ހާލު މަޑުމަޑުން ރަނގަޅު ވަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.