ސަންއާ (އޮކްޓޯބަރު 30): ސައުދީ ކޯލިޝަނުން ޔަމަނުގެ ހުދައިދާ ޕްރޮވިންސަށް ރޭ ދިން ހަމަލާއެއްގައި ގާތްގަނޑަކަށް 60 މީހުން މަރުވެއްޖެ އެވެ.

ހުދައިދާ ޕްރޮވިންސުގައި ހޫޘީން ބާރުގެ ދަށުގައިވާ ޒައިދިއްޔާ ސިޓީއަށް ސައުދީ ކޯލިޝަނުން ދިން ހަމަލާ އަމާޒުވީ ޖަލެއް ހުންނަ ސަލާމަތީ އިމާރާތަކަށް ކަމަށް ޔަަމަނުގެ އަލް މަސީރާ ޓީވީން ބުނެ އެވެ. އެ ހާދިސާގައި 38 މީހަކަށް އަނިޔާވި ކަމަށްވެސް ރިޕޯޓުތަކުގައިވެ އެވެ.

އޮފިޝަލުން ބުނި ގޮތުގައި އެއިމާރަތަށް ތިން ވައިގެ ހަަމަލާ ދީފައިވާ އިރު މަރުވި މީހުންގެ ތެރޭގައި ގިނައީ ގައިދީންނެވެ. އަދި އެ އިމާރާތަށް ހަމަލާ ދިނުމުގެ ކުރިން ސައުދީ ކޯލިޝަނުން ވަނީ ޔަމަނުގެ ހުޅަނގު ދެކުނުގައި އޮންނަ ތާއިޒު އާއި ސައާދާ ޕްރޮވިންސަށް ހަމަލާތަކެއްދީ، 21 މީހަކު މަރާލާފައި ކަމަށް ޔަމަނުގެ މީޑިއާތަކުން ބުނެ އެވެ.

ޔަމަނުގެ ހޫޘީން 2014 ވަނަ އަހަރު އެ ގައުމުގެ ވެރިރަށް ސަންއާ ހިފުމަށް ފަހު އެމީހުންގެ ވެރިކަމެއް ގާއިމު ކުރުމުން، ހޫޘީން ބަލިކޮށް، ބައިނަލްއަގުވާމީ ދުނިޔެއިން ބަލައިގަންނަ ރައީސް އަބްދުރައްބުމަންސޫރު ހާދީގެ ސަރުކާރު ސަންއާއަށް އަނބުރައި ރުޖޫއަކޮށްދިނުމުގެ މަގުސަދުގައި ސައުދީ ކޯލިޝަނުން ޔަމަނު ހަނގުރާމައިގައި ބައިވެރިވެފައި ވަނީ މިދިޔަ އަހަރެވެ.

އދ. އިން ލަފާ ކުރާ ގޮތުގައި ޔަމަނު ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު 10،000ށް އަރާނެ އެވެ. (ޕްރެސްޓީވީ)