30 Oct 2016, 11:46
ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް)ގެ އޮފީހުގެ ބޭރުގައި ލިޔެފައި ހުންނަ ޕާޓީގެ ނަން ބޯޑު ނަގައިފި އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމް، މައުމޫން ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް މިއަދު ވިދާޅުވީ ޕާޓީގެ އޮފީހުގެ ބޭރުގައި ލިޔެފައި ހުންނަ ޕާޓީގެ ނަމާއި ދިދަ އާއި ލޯގޯ ވެސް ނައްޓާލާފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ރައީސް ޔާމީންގެ ފެކްޝަނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ފެކްޝަނުން، ޕާޓީގެ އޮފީހުގެ ނަމާއި ލޯގޯ އަދި ދިދަ ނަގާފައިވާ އިރު، އެ ފެކްޝަނުން ބުނެފައި ވަނީ ޕާޓީގެ އޮފީސް ބޭނުން ނުވާ ކަމަށެވެ. އަދި މިހާރު އެ އޮފީހުގައި ހުރި ހުރިހާ ސާމާނެއް ވަނީ ދަރުބާރުގެއަށް ގެންގޮސްފަ އެވެ.
ޕީޕީއެމް ތެރޭގައި ގިނަ މައްސަލަތަކެއް ޖެހިފައިވާ މި ދަނޑިވަޅުގައި ރައީސް މައުމޫން ވެސް ވަނީ ސަރުކާރަށް ކުރައްވާ ތާއީދު އަނބުރާ ގެންދަވައިފަ އެވެ. އެމަނިކުފާނާ އެކު ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ބައެއް ބޭފުޅުން މިހާރު ދަނީ ވަކި ޕީޖީ ގްރޫޕެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.