މި އަހަރުގެ ވޭތުވެދިޔަ ނުވަ މަހު ނުވަތަ ފުރަތަމަ ތިން ކުއާޓަރުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސާފު ފައިދާގެ ގޮތުގައި 755 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ބީއެމްއެލް އިން މިއަދު އާންމުކުރި އެ ބޭންކުގެ ތިންވަނަ ކުއާޓާ ރިޕޯޓް ދައްކާގޮތުން ދެވަނަ ކުއާޓަރުގައި އެ ބޭންކަށް ވަނީ ސާފު ފައިދާގެ ގޮތުގައި 360 މިލިއަން ރުފިޔާ ލިބިފަ އެވެ. ތިން ވަނަ ކުއާޓަރުގައި އެ ބޭންކަށް ލިބުނު އަދަދު ވަނީ، ދެ ވަނަ ކުއާޓަރާ އަޅާ ބަލާއިރު ދަށްވެފަ އެވެ. ތިން ވަނަ ކުއާޓަރުގައި ބީއެމްއެލް އަށް ލިބުނީ 184 މިލިއަން ރުފިޔާގެ ފައިދާއެކެވެ.

ނަމަވެސް 2015 ވަނަ އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި ލިބުނު ފައިދާއާ އަޅާ ބަލާއިރު، މި އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި ލިބުނު ފައިދާ ވަނީ ބޮޑުތަން އިތުރުވެފަ އެވެ.

އެގޮތުން މިދިޔަ އަހަރުގެ ތިން ކުއާޓަރުގެ ތެރޭގައި 385 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބުނު އިރު، މި އަހަރުގެ ތިން ކުއާޓަރުގެ ތެރޭގައި އެ ބޭންކުން ވަނީ 95 ޕަސެންޓްގެ ކުރިއެރުމަކާ އެކު 755 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ހޯދައިފަ އެވެ.

ތިންވަނަ ކުއާޓަރުގައި ލިބުނު އާމްދަނީއަށް ބަލާއިރު، އެ ބޭންކަށް ވަނީ 501 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. އަދި ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ އަކީ 547 މިލިއަން ރުފިޔާ އެވެ. ތިންވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 245 މިލިއަން ރުފިޔާ ލިބުނު އިރު، ދެވަނަ ކުއާޓަރުގައި 480 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ތިންވަނަ ކުއާޓަރާގުޅޭ މައުލޫމާތުތައް ހިއްސާކުރުމަށް މިއަދު އެ ބޭންކުގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، މި އަހަރު ވެސް ރާއްޖޭގެ ގިނަ ހިސާބުތަކެއްގައި އެ ކުންފުނިން ބޮޑު އިންވެސްޓެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން 150 މިލިއަން ރުފިޔާ އިންވެސްޓްކުރި ކަމަށް ވިދާޅުވި އެވެ.

ހީލީ ވިދާޅުވީ އެ ބޭންކުގެ ފައިދާ އިތުރުވާ ވަރަކަށް ރާއްޖޭގައި އިތުރު އިންވެސްޓްތައް ކުރާނެ ކަމަށެވެ.