30 Oct 2016, 11:42
ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ރައީސް އަބްދުﷲ ޔާމީނަށް ނުގެއްލޭ ކަމަށާއި މެޖޯރިޓީ ގެއްލިދާނެ ކަމަށް އެއްވެސް ވަރަކަށް ބިރު ނުގަންނަ ކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.
ރިޔާޒު "ސަން"އަށް ވިދާޅުވީ ރައީސް މައުމޫނަށް ތާއީދު ކުރައްވާ މެމްބަރުން ކަމަށް ވިދާޅުވެ ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަށެއްކަ މެމްބަރުން ފެނިވަޑައިގެން ދިޔަ ކަމަށާއި ނަމަވެސް އެ ބައްދަލުވުމުގައި ފެނިވަޑައިގެން މެމްބަރުންގެ ތެރެއިން ތިން މެމްބަރަކު ފިޔަވާ ދެން ތިއްބެވި މެމްބަރުން މިހާރު ވެސް ތިއްބެވީ ރައީސް ޔާމީނާ އެކުގައި ކަމަށެވެ.
"ކުރިން ދުވަހަކު ބޭއްވި ދެއްތޯ ނޫސްވެރިންގެ ބައްދަލުވުމެއް. އެ ބައްދަލުވުމުގައި އާންމުންނަށް ވެސް އަދި މީޑިއާ އަށް ވެސް ފެނިގެން ދިޔަ އަށެއްކަ މެމްބަރުން ރައީސް މައުމޫނަށް ތާއީދުކުރައްވާނެ ކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވިތަން. އަޅުގަނޑު މި ދަންނަވަނީ އެ ބޭފުޅުންގެ ތެރެއިން ތިން މެމްބަރަކު ފިޔަވާ ދެން ތިއްބެވި މެމްބަރުން ތިއްބެވީ އަދިވެސް ރައީސް ޔާމީނާ އެކުގައޭ. އަޅުގަނޑު ނެތިން ނަން ހާމަ ކުރައްވާކަށް. އެހެންވީމަ މަޖިލީހުގެ މެޖޯރިޓީ ގެއްލިގެން ދާނެތީ ބިރެއް ނުގަނޭ،" ރިޔާޒު ވިދާޅުވި އެވެ.
ވިލިފުށި ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާ ރިޔާޒު ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ރައީސް ޔާމީނުގެ އަތުން ގެއްލިގެން ދާނެ ކަމަށް ބައެއް ފަރާތްތަކުން ވިދާޅުވި ނަމަވެސް މަޖިލީހުގެ ތެރެއިން ނެގޭ ވޯޓުތަކުން އެކެން ހާމަވެގެން ދާނެ ކަމަށެވެ.

މައުމޫނު ފެކްޝަނާ އަލަށް ގުޅިވަޑައިގެން ފަސް މެމްބަރުން: އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް)، ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަތީފް މުހައްމަދާއި، ނޮޅިވަރަމް ދާއިރާގެ މެމްބަރު ޙުސައިން އަރީފު، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްޠަފާ -- މަޖިލިސް ފައިލް ފޮޓޯ
"ދެން ބަލަން ހުރޭ. މަޖިލިސް ދެން ހުޅުވޭއިރު ނެގޭ އެކި ކަހަލަ ވޯޓުތަކުން ކިހިނެއްތޯ މެޖޯރިޓީ އޮތީ. އެއް އިރެއްގައި އެމްޑީޕީން ވެސް ބުނި ދޯ ތިމަންނާ މެންނަށް މެޖޯރިޓީ ލިބޭކަން ދެން ނެތޭ ދުވަހެއް. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ރައީސް ޔާމީން ބޭނުންވާ ގޮތަށް ސަރުކާރުން ބޭނުންވާ ގޮތަށް މަޖިލިސް ތެރެއިން ކަންކަން ކުރެވޭނޭ، އަދިވެސް މި ދަންނަވަނީ މެޖޯރިޓީއާ ދޭތެރޭ ބިރުވެރި ކަމެއް ނެތޭ." ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު އެހެން ވިދާޅުވިއިރު މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިތުރު ފަސް މެމްބަރަކު ވަނީ ރައީސް މައުމޫނަށް ތާއީދު ކުރައްވާކަން މީޑިއާގައި ހާމަކުރައްވާފަ އެވެ. އެ ފަސް މެމްބަރުންނަކީ ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދުﷲ ހިލްމީ އާއި، ދިއްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ޢަބްދުއްލަތީފް މުހައްމަދާއި، އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް)އާއި ތިމަރަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު މުސްޠަފާގެ އިތުރުން އެމްޑީއޭއަށް ނިސްބަތްވާ، ނޮޅިވަރަމް ދާއިރާގެ މެމްބަރު ޙުސައިން އަރީފެވެ.
މީގެ ކުރީން މައުމޫނު ފެކްޝަނާ ގުޅިވަޑައިގަތް މަޖިލިސް މެމްބަރުންނަކީ، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނާއި، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަޙީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއުއެވެ.
ނަމަވެސް ދިއްދޫ ދާއިރާގެ މެމްބަރު ލަތީފު ހުންނެވީ ރައީސް ޔާމީނުގެ ފަހަތުގައި ކަމަށް ވިދާޅުވެ ،މިދިޔަ ބުރާސްފަތި ދުވަހު ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ވަނީ ޓުވީޓެއް ކުރައްވާފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސް މައުމޫނަށް ތާއީދު ކުރައްވާ ކަމަށް މަޖިލީހުގެ އަށް މެމްބަރަކު ވިދާޅުވުމުން ރައްޔިތުން މަޖިލީހުގައި ރައީސް އަބްދުﷲ ޔާމީނަށް އޮތް ސުޕާ މެޖޯރިޓީ ގެއްލުމުގެ ބިރު އަދިވެސް އެބަ އޮތެވެ.
ރައީސް ޔާމީނަށް މަޖިލީހުގެ ސުޕާ މެޖޯރިޓީ މީގެކުރިން ލިބެނީ 53 މެމްބަރުންނާ އެކުގަ އެވެ. ނަމަވެސް ބައެއް މެމްބަރުން ރައީސް މައުމޫނަށް ތާއީދުކުރައްވާކަން އިއުލާނު ކުރެއްވުމުން މިހާރު ރައީސް ޔާމީނަށް ތާއީދުކުރައްވާ މަޖިލީހުގައި ތިއްބަވަނީ 45 މެމްބަރުން ނެވެ. އެއީ ސަރުކާރު ކޯލިޝަން އެމްޑީއޭ މެމްބަރުންނާ އެކުގައި އެވެ.
ރައީސް މައުމޫނަށް ތާއީދުކުރައްވާ މެމްބަރުންނާ އެކު ސަރުކާރާ ދެކޮޅަށް މިހާރު ތިއްބަވާނެ ކަމަށް ބެލެވެނީ ޖުމްހޫރީ ޕާޓީގެ ހަތް މެމްބަރުންނާއި އެމްޑީޕީގެ 21 މެމްބަރުންނާއި އަދާލަތު ޕާޓީގެ އަނާރާ ނައީމާ ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާ އެކު ޖުމުލަ 40 މެމްބަރުން ނެވެ.