30 Oct 2016, 11:15
ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ ކުޅުނު މެޗު 1-0ގެ ނަތީޖާ އަކުން ގްރެނާޑާގެ މައްޗަށް ކުރި ހޯދައިގެން އެއްވަނާގައި އޮތް ރެއާލް މެޑްރިޑާ ދެ ޕޮއިންޓަށް ކައިރިއަށް ޖެހިލައިފިއެވެ.
ރޭގެ މެޗުތަކަށްފަހު އެއްވަނާގައި ރެއާލް މެޑްރިޑް އޮތީ 24 ޕޮއިންޓާ އެކުއެވެ. ދެވަނާގައި އޮތް ބާސެލޯނާއަށް 22 ޕޮއިންޓް ލިބޭއިރު އެތުލެޓިކޯ މެޑްރިޑް ތިން ވަނާގައި އޮތީ 21 ޕޮއިންޓާއެކުއެވެ.
ބާސެލޯނާގެ ކޭމްޕް ނޯގައި ރޭ ކުޅުނު މެޗުގައި އެޓީމުން ގިނަ ހަމަލާތަކެއް އުފައްދަން މަސަތްކަތް ކުރި ނަމަވެސް ގްރެނާޑާގެ ޑިފެންސް ލައިން ފެނިފައިވަނީ ވަރަށް އޯގަނައިޒްކޮށެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު 48 ވަނަ މިނެޓްގައި ބާސެލޯނާއަށް ކާމިޔާބްކޮށްދިނީ ރަފީނިއާ އެވެ.

ރޭ ބާސެލޯނާ އާއި ގްރެނައިޑާ ކުޅުނު މެޗުގައި ބާސެލޯނާގެ ގޯލު ރަފޭނިއާ ކާމިޔާބްކުރުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ އޭޕީ
މެޗަށްފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ލުއިސް އެންރިކޭ ބުނީ ކޮންމެ މެޗެއްގައި އެޓީމަށް ގިނަ ގޯލުތަކެއް ނުޖެހޭނެ ކަމަށާއި ރޭގެ މެޗުގައި ފެނިގެންދިޔައީ ބާސެލޯނާގެ އެންމެ މޮޅު ކުޅުން ނޫން ކަމަށެވެ.
"ގްރެނާޑާގެ ޑިފެންސްލައިން ފެނުނީ ވަރަށް ވަރުގަދަކޮށް. ހުރިހާ ޓީމެއްގައި ހުންނާނީ އެއް ކަހަލަ ޑިފެންސިވް އުކުޅުތަކެއ ނޫން. އެމީހުން އައީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ބާސެލޯނާ ހިފަހައްޓަން،" އެންރިކޭ ބުންޏެވެ.
އެންރިކާ ބުނީ ބާސެލޯނާގެ ސަޕޯޓަރުން ތިބީ އެޓީމްގެ ފަރާތުން ގިނަ ގޯލުތަކެއް ފެންނާނެ ކަމުގެ އުންމީދުގައި ކަމަށާއި ނަމަވެސް ގިނަ ގޯލުތަކެއް ނުފެނުނު ނަމަވެސް ސަޕޯޓަރުން ދިން ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
"އަހަރެން ވަރަށް އުފާވެއްޖެ ސަޕޯޓަރުންގެ ފަރާތުން ފެނުނު ކަންތައްތަކުން. މެޗު ފެށުނީއްސުރެން އެމީހުން ދިޔައީ ލަވަކިޔަމުން ޓީމަށް ތަރުހީބް ދެމުން. އަދިކިރިޔާ ކޭމްޕް ނޯ އަސްލް ސްޓޭޑިއަމްއެއްގެ ގޮތުގައި މި ފެންނަން ފެށީ،" އެންރިކޭ ބުންޏެވެ.