30 Oct 2016, 10:53
ރޭގަނޑުގެ ނިންޖަކީ އެކަމަށް ތައްޔާރުވެގެން ކުރަންޖެހޭ ކަމެކެވެ. ރޭގަނޑު ނިދުމުގެ ތިން ގަޑީއިރު ކުރިން ކެއުން ހުއްޓާލުމަކީ، އެކަމަށް ތައްޔާރުވުމަށް ކުރަން އޮތް އެންމެ ރަނގަނޅުކަންތައް ކަމަށް ޑޮކްޓަރުން ލަފާދެއްވަ އެވެ. ދާދިފަހުން ކުރި ދިރާސާއަކުންވެސް މިކަންވަނީ ހާމަވެފައެވެ.
މިދިރާސާ ހުށަހަޅާފައިވަނީ ދާދިފަހުން ޔޫރަޕިޔަން ސޮސައެޓީ އޮފް ކާޑީއޮލޮޖީން ގެ ފަރާތުން ބޭއްވި އިލްމީ ފޯރަކަށެވެ. މިދިރާސާ ބުނާގޮތުން ރޭގަނޑުގެ ކެއުން ކާން އެންމެ ރަނގަނޅީ ހަތަކާއި އަށަކާ ދެމެދުގައެވެ. އެއަށްފަހު ނިދަންޖެހޭނީ ކެއުމުގެ ތިންގަނޑީއިރު ފަހުންނެވެ.
އުމުރުން 18 އަހަރާއި 65 އަހަރުގެ 7000 މީހުން ހިމަނައިގެން ކުރި މިދިރާސާއިން ހާމަވާގޮތުން ގިނަމީހުންނަށް ސިއްޙީ މައްސަލަތައް (ހިތުގެ މައްސަލައާއި ލޭ މައްޗަށްދިޔުމުގެ މައްސަލައާއި ހަކުރުގެ މައްސަލަފަދަ) ދިމާވެފައިވަނީ ކައިގެން މަޑެއްނުވެ ނިދުމުގެ ސަބަބުންނެވެ.
މިދިރާސާ ހުށަހެޅުއްވި ބާހިޘުން ވިދާޅުވާގޮތުން ރޭގަނޑު ކެއުމުން ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނާނެނެއެވެ. މީގެތެރޭގައި ލޭގެ ޕްރެޝަރަށް އަސަރުތައް ކުރުމައި ހިތުގެ ސިއްހަތަށް ކުރާ އަސަރުތައް ހިމެނެއެވެ. މިއަސަރުތައް ކުޑަވާކަމަށްވަނީ ކެއުމަށްފަހު 3 ގަޑީއިރު ފަހުންނެވެ.
ކެއުމަށްފަހު ލަސްނުކޮށް ނިދަން އާދަކުރަނަމަ ލޭމައްޗަށް ދިޔުމަށް މަގުފަހިވުމާއި ހަކުރު ބައްޔަށް މަގުފަހިވުމާއި ހިތުގެ މައްސަލަތައް ކުރިމަތިވުމަށް މަގުފަހިވާނެކަން މިދިރާސާއިން ހާމަވެފައިވެއެވެ. މީގެއިތުރުން ފަލަވުމާއި ބަޑުގައި މަސްޖެހުމާއި ހަޖަމުގެ މައްސަލަތައް ދިމާވުމަކީވެސް ރޭގަނޑު ކާގޮތަށް ނިދާނަމަ ދިމާވާނެ މައްސަލަތައްކަން މިދިރާސާގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް މިއީ ކޮންމެފަހަރަކު ނޫނީ ކޮންމެ ރެއަކު ދިމާވާނެ މައްސަލަތަކެއް ނޫނެވެ. މިއާއެކުވެސް ގިނަމީހުންނަށް ހާޓްއެޓޭކް ޖެހެނީ ރޭގަނޑުގައި ކަން ތަފާސްހިސާބުތަކުން ހާމަވެފައިވެއެވެ.
ރޭގަނޑުގެ ކެއުމުގައި ބޭނުންކުރާ ތަކެއްޗަކީވެސް ހަށިގަނޑަށް އޭގެ އަސަރުކުރާ މިންވަރު ތަފާތުވާނެ ތަކެތިކަމަށާ މިގޮތުން ލޮނާއި އެއްގަމުމަހާއި ހަކުރުގެ ބާވަތްތަކަކީ ބަރުތަކެތި ކަމާއި އެތަކެތިން ހަށިގަނޑަށް ބޮޑެތި އަސަރުތަކެއް ކުރާނެކަމަށް މިދިރާސާ ބުނެއެވެ.
ނަމަވެސް މި ދިރާސާ ގެ ރިޕޯޓް ބުނާ ގޮތުން ބައެއް ބާވަތުގެ ލުއިތަކެތި ނިދުމުގެ ކުޑައިރުކޮޅެއް ކުރިން ބޭނުން ކުރެވިދާނެއެވެ. މީގެތެރޭގައި ހަކުރުމަދުކޮށް ސަޔާއި ކޮފީ އާއި ލޮނުމަދު ލުއިކާނާ ހިމެނެއެވެ. މިބާވަތުގެ ކާނާވެސް ކާންޖެހޭނީ މަދުން ކަމަށާއި ނިދުމުގެ ކުރިން ފެންބުއިމަށްވެސް މިދިރާސާގެ ރިޕޯޓްގައި ރެކޮމެންޑް ކޮށްފައިވެއެވެ. (ޑީޕީއޭ)