އިސްލާމްއާބާދު (އޮކްޓޯބަރު 30): ޕާކިސްތާނުގެ ނޫހަކުން ލިޔުނު ރިޕޯޓަކާ ގުޅިގެން އެގައުމުގެ އިންފޮމޭޝަން މިނިސްޓަރު ޕަރުވޭޒް ރަޝީދު މަގާމުން ވަކިކޮށްފި އެވެ.

މިނިސްޓަރު ރަޝީދު މަގާމުން ވަކިކޮށްފައި ވަނީ ޕާކިސްތާނުގެ ޑޯން ނޫހުން އެ ގައުމުގެ އަސްކަރިއްޔާ އާއި ސަރުކާރުގެ އިސް އޮފިޝަލުންނާ ދެމެދު ބޭއްވި ސިއްރު ބައްދަލުވުމެއްގައި ދެއްކި ވާހަކަތަކެއް ލީކު ކުރުމާ ގުޅިގެން، އެ މައުލޫމާތު ލީކު ކުރުމާއި މިނިސްޓަރާ ގުޅުމެއްވޭތޯ ބެލުމުގެ ގޮތުން މިނިސްޓަރު ވަކި ކުރީ ކަމަށެވެ.

ނަން ހާމަ ކުރަން ބޭނުންނުވާ ފަރާތަކާ ހަވާލާދީ މި މަހުގެ ހަ ވަނަ ދުވަހު އެނޫހުން އާއްމު ކުރި ރިޕޯޓެއްގައިވާ ގޮތުން، ޕާކިސްތާނުގެ ނެޝަނަލް ސެކިއުރިޓި ކޮމިޓީ (އެންއެސްސީ)ގެ ބައްދަލުވުމެއްގައި އެގައުމުގެ ސަރުކާރުގެ އޮފިޝަލުން ވަނީ އަސްކަރިއްޔާ އިން ޕާކިސްތާނުގެ ހަތިޔާރު އެޅި ޖަމާއަތްތަކަށް އެހީވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އެގޮތުން ސަރުކާރުގެ އޮފިޝަލުން ހަނގުރާމަވެރިން ހައްޔަރު ކުރަމުންދާ ވަރަކަށް އަސްކަރިއްޔާ އިން ދަނީ އެހަނގުރާމަވެރިން މިނިވަން ކުރަމުން ކަމަށް ސަރުކާރުގެ އޮފިޝަލުން ބުނި ކަމަށް އިންވެސްޓިގޭޓިވް ޖާނަލިސްޓު ސައިރިލް އަލްމައިދާގެ ރިޕޯޓުގައިވެ އެވެ.

ސަރުކާރުގެ އޮފިޝަލުން ބުނާ ގޮތުގައި އެރިޕޯޓުގެ ސަބަބުން ޕާކިސްތާނުގެ ވެރިކަން ކުރާ ޕީއެމްއެލް-އެން ޕާޓީ އާއި އަސްކަރިއްޔާއާ ދެމެދު ވަނީ ދެބަސްވުންތައް އުފެދިފަ އެވެ. އަދި އެމައުލޫމާތު ލީކުކޮށްފައި ވަނީ ސަރުކާރު އޮފިޝަލުން ކަމަށް އަސްކަރިއްޔާ އިން ބުނެފައިވާ އިރު ޕާކިސްތާނުގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ އެރިޕޯޓު ދޮގުކޮށްފަ އެވެ.

ނަމަވެސް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ސަރުކާރުން ވަނީ އެރިޕޯޓު ތަހުގީގު ކުރުމަށް އަސްކަރިއްޔާ އާއި ސަރުކާރުގެ އިސް އޮފިޝަލުންނާއި އެގައުމުގެ ޖާސޫސީ އިދާރާ އިންޓަ ސާވިސް އިންޓެލިޖެންސް (އައިއެސްއައި)ގެ އޮފިސަރުން ހިމެނޭ ކޮމިޓީއެއް އެކުލަވާލާފަ އެވެ. (އަލްޖަޒީރާ)