11 Jun 2011, 13:02
އައްޑޫގެ ތިމާވެށި ހިމާޔަތްކުރުމަށް އިސްނަގައިގެން މަސައްކަތްކުރާނެ ޒުވާނުންތަކެއް އުފެއްދުމަށް "ކޭމްޕް 22" ނަމުގައި އައްޑޫގެ ސެކަންޑަރީ ސްކޫލްގެ ދަރިވަރުންނަށް އާމާޒުކޮށްގެން ހާއްސަ ކޭމްޕެއް ބާއްވައިފި އެވެ.
އައްޑޫގެ ހަތަރު ސެކަންޑަރީ ސްކޫލެއްގެ 36 ދަރިވަރުންނާ އެކު 22 ގަޑިއިރަށް ކުރިއަށްގެންދިޔަ އެ ކޭމްޕް ފަށާފައި ވަނީ ބުރާސްފަތު ދުވަހު ފަތިހު 4:00 ޖެހިއިރު ސ. ހިތަދޫ މުހިއްބުއްދީން ސްކޫލްގަ އެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާ ވެސް ގުޅުވައިގެން ބޭއްވި އެ ކޭމްޕްގެ ކޯޑިނޭޓިން ޓީމުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ ކޭމްޕް ކުރިއަށްގެންގޮސްފައި ވަނީ، އައްޑޫގެ ޖަމިއްޔާތަކަށް އެހީވަމުން އަންނަ ޒުވާނުންތަކެއްގެ މާލީ އެހީތެރިކަމާއެކު ޓޭކް ކެއާ އާއި މާވަހި ޖަމިއްޔާ ގުޅިގެންނެވެ. އެ ކޭމްޕު ބޭއްވީ ސްކޫލް ދަރިވަރުންގެ މެދުގައި ތިމާވެއްޓަށް ދޭ އަހަމިއްޔަތުކަން އިތުރުކޮށް، އައްޑޫގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް އިސްނަގައިގެން މަސައްކަތްކުރާނެ ޒުވާނުންތަކެއް އުފެއްދުމަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ކޭމްޕްގެ ބައިވެރިން ވަނީ ހިތަދޫގެ ކުޑަކުދިންގެ ޕާކުގައި 22 ގަސް އިންދުމުގެ ޕްރޮގްރާމަކާއި ހިތަދޫގެ ހިމާޔަތްކޮށްފައި އޮންނަ ސަރަހައްދެއް ކަމަށްވާ "ކޯއްޓޭ" ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގައިފަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ކުޑަކުދިންގެ ޕާކުގައި 22 ގަސް އިންދުމުގެ ޕްރޮގްރާމެއް އަޅުގަނޑުމެން ކުރިއަށްގެންދިޔައިން. އެއަށް ފަހު ސިފައިންނާއި ކުދިން ގުޅިގެން ކޯއްޓޭ ސަރަހައްދު ވެސް ސާފުކުރި. އެތަނުން އަޅުގަނޑުމެން ވާނީ 10 މިނެޓު ތެރޭ ދެ ޕިކަޕު ފުރާ ޕްލާސްޓިކް ނަގައިފައި. އެތަނަށް ގޮސް ދޭތެރެ ދޭތެރެއިން ސާފުކުރުމުގެ ޕްރޮގްރާމެއް ޖައްސަން ވިސްނަމުން މިދަނީ،" އޮފިޝަލް ވިދާޅުވި އެވެ.
މީގެ އިތުރުން، ޝަންގްރިލާގައި މަސައްކަތްކުރާ މެރިން ބައޮލޮޖިސްޓަކު ވަނީ ކޭމްޕުގެ ބައިވެރިންނަށް ކަނޑުގެ ދިރުންތަކާއި އަދި ފަރު ހިމާޔަތްކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ޕްރެސެންޓޭޝަނެއް ދީފައިކަމަށާއި އަދި ތިމާވެއްޓަށްދޭ ގެއްލުމުގެ ސަބަބުން މީހުންގެ އަސާސީ ހައްގުތަކަށް ލިބޭ އުނިކަމާ ގުޅޭ ގޮތުން ވެސް އެކުދިންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަތިހު ފެށި ކޭމްޕު ނިންމާލުމަށް އެރޭ މެންދަމު 12:40 ގައި ފެށި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔާ އަބްދުﷲ ސޯދިގު )ސޯބެ( ބައިވެރިވެވަޑައިގަންނަވައި، ކޭމްގެ ބައިވެރިންނާ ވާހަކަދެއްކެވި އެވެ. ސޯބެ ވަނީ، އެ ކޭމްޕް ކޮންމެ އަހަރަކު ބޭއްވުމަށް ސިޓީ ކައުންސިލްގެ އެއްބާރުލުންދޭނެ ކަމަށް ވިދާޅުވެފައި އެވެ.
ކޭމްޕުގެ ބައިވެރިންވަނީ، ތިމާވެށި ހިމާޔަތްކުރުމަށް ސްކޫލްގެ ތެރެއިންނާއި އަދި ބޭރުން މަސައްކަތްކުރުމަށާއި އަދި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ފަދަ ތިމާވެއްޓަށް ގެއްލުންދެނިވި އަމަލުތަކުން ދުރުހެލިވާނެ ކަމަށް ވައުދުވެ، ހާއްސަ ލިޔުމެއް ސިޓީގެ މޭޔަރަށް ދީފަ ކަމަށް ވެސް ކޭމްޕްގެ ކޯޑިނޭޓިން ޓީމްގެ އޮފިޝަލް ވިދާޅުވި އެވެ. އަދި އިތުރަށް އޭނާ ވިދާޅުވި އެވެ: "އަޅުގަނޑުމެން ވިސްނަމުން މިދަނީ އަހަރީ ކޭމްޕެއް ގޮތުގައި ކޭމްޕް 22 ބާއްވަން."
މި ކޭމްޕަށް "ކޭމްޕް 22"ގެ ނަމުން ނަން ދީފައި ވަނީ ތިމާވެށި ހިމާޔަތްކުރުމާ ގުޅޭ ގޮތުން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ 22 ވަނަ މާއްދާއާ ގުޅުވައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މާއްދާގައި ބުނެފައިވެ އެވެ: "ދިވެހިރާއްޖޭގެ ގުދުރަތީ ތިމާވެއްޓާއި ދިރޭތަކެތީގެ މުއްސަނދިކަމާއި ގުދުރަތީ ވަސީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދައުލަތުގެ އަސާސީ ވާޖިބެކެވެ. އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުން ހޯދުމަށް ކުރެވޭ މަސައްކަތްތަކަކީ ތިމާވެށި ހިމާޔަތްކުރެވޭ، ދެމެހެއްޓެނިވި އުސޫލުތަކުގެ މަތިން ކުރެވޭ ކަންތައްތައް ކަމަށް ހެދުމަށާއި މިފަދަ ހަރަކާތްތަކުގެ ސަބަބުން ތިމާވެށި ތަޣައްޔަރުވިޔަ ނުދިނުމަށާއި ދިރޭތަކެތީގެ ނަސްލެއް ނެތި ދިޔަ ނުދިނުމަށާއި ތިމާވެށި ހަލާކުވިޔަ ނުދިނުމަށާއި ގުދުރަތީ ވަސީލަތްތައް ބޭކާރުވިޔަ ނުދިނުމަށް ދައުލަތުން ބާރު އަޅަންވާނެ އެވެ.