ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް އަކީ އާންމުކޮށް އޭނާ ކުޅޭ ލީގެއްގައި ނަމަ، އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ ކުޅުންތެރިއެކެވެ. ނަމަވެސް މެންޗެސްޓާ ޔުނައިޓެޑާ ގުޅުމަށްފަހު ޕްރިމިއާ ލީގުގެ ގޯލު ލިސްޓުގެ ބަދަލުގައި އޭނާ އުޅެނީ އެހެން ލިސްޓެއްގެ ކުރީގައެވެ.

މި ސީޒަނުގައި ޔުނައިޓެޑަށް އިބްރަހިމޮވިޗް ގެނެސްފައި ވަނީ އެ ޓީމުގެ ގޯލް ޖެހުމުގެ ޑިޕާޓްމަންޓަށެވެ. ނަމަވެސް ފޯވަޑް ލައިނަށް ގެނައި، އިބްރަހިމޮވިޗް މި ފަހަރު އުޅެނީ ޑިފެންޑަރުންނާއެކު ފައުލް ކުރުމުގެ ލިސްޓުގެ ކުރީގައެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް: މި ސީޒަނުގެ ޕްރިމިއާ ލީގުގައި އޭނާ އަށް މިހާތަނަށް ހަތަރު ލަނޑު ކާމިޔާބުކުރެވިފައިވާ އިރު، 24 ފައުލް ކޮށްފައިވޭ ---

މި ސީޒަނުގެ ޕްރިމިއާ ލީގުގައި މިހާތަނަށް އެންމެ ގިނަ ފައުލް ކުރި ކުޅުންތެރިޔާގެ މަގާމުގައި އޮތީ އިބްރަހިމޮވިޗް އެވެ. ލީގުގައި ޔުނައިޓެޑް ކުޅުނު ދިހަ މެޗުން ހަތަރު ލަނޑު ޖަހާފައިވާ އިބްރަހިމޮވިޗް ވަނީ ޖުމްލަ 24 ފައުލް ކޮށްފަ އެވެ.

ފައުލް ކުރުމުގެ ލިސްޓުގައި އިބްރަހިމޮވިޗްގެ ފަހަތުން ވިއްދާފައިވާ ދެ ކުޅުންތެރިންނަކީ ވެސް ފޯވަޑުންނެވެ. ވެޓްފަޑްގެ ފޯވަޑް ޓްރޯއީ ޑީނޭ އާއި އޭއެފްސީ ބޯންމައުތުގެ ފޯވަޑް ކެލަމް ވިލްސަން، ކޮންމެ ކުޅުންތެރިޔަކު 21 ފައުލް ކޮށްފައިވެ އެވެ. އޭގެ އިތުރުން ޖުމްލަ 19 ފައުލާއެކު ޓޮޓެންހަމް ހޮޓްސްޕާގެ ފޯވަޑް ވިންސެންޓް ޖެންސަން ވެސް ލިސްޓުގެ ގަދަ ހަޔަކުން ޖާގަ ހޯދާފައިވެ އެވެ.