30 Oct 2016, 08:49
ކުށްވެރިންނަށް މަރުގެ އަދަބު ދިނުމުގެ ބަދަލުގައި އެކަށީގެންވާ އަދަބު ދެވޭނެ ގޮތްތަކެއް ހޯއްދަވަމުން ގެންދަވާ ކަމަށް އީރާނުގެ ޖަސްޓިން މިނިސްޓަރު މުސްތަފާ ޕޯމޮހަމަދީ ވިދާޅުވެއްޖެ އެވެ.
ޕޯމޮހަމަދީ ވިދާޅުވި ކަމަށް އީރާނުގެ ތަސްނިމް ނިއުސް އެޖެންސީގައި ބުނެފައި ވަނީ، ވޭތުވެ ދިޔަ އަހަރުތަކަށް ބަލާއިރު މަރުގެ އަދަބު ދީގެން ކުށް ކުރުން މަދުވެފައި ނުވާ ކަމަށެވެ. އެގޮތުން މަރުގެ އަދަބުދޭ މިންވަރު އަލުން މުރާޖާކޮށް ދިރާސާކުރުމަށް ވިސްނަވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަރުގެ އަދަބު ދިނުމުގެ ބަދަލުގައި އެއާ އެއްފަދަ އެހެން އަދި އެކަށީގެންވާ ވަރުގެ އަދަބެއް އަހަރެމެން ހޯދަންޖެހޭ،" އީރާނުގެ ޖަސްޓިން މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މަރުގެ އަދަބުގެ ބަދަލުގައި އެއާ އެކަށީގެންވާ އަދަބެއް ހޯދި ނަމަވެސް، މަރުގެ އަދަބު އެ ގައުމުގައި ގާއިމްކުރާނެ ކަމަށާއި މަދުކުރާނީ މަރުގެ އަދަބު ދޭ މީހުންގެ އަދަދު ކަމަށެވެ.
އެގޮތުން ކަރަޕްޓު މީހުންނަށް މަރުގެ އަދަބު ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަރުގެ އަދަބަކީ އަނބުރާ ފޮނުވާލެވޭނެ އެއްޗެއް ނޫން. ސަބަބަކީ ގައުމުގައި ބައެއް ކަރަޕްޓު މީހުން އެބައުޅޭ. އެމީހުންނަށް މަރުގެ އަދަބު ދިނުން ނޫން ގޮތެއް ނެތް،" ޕޯމޮހަމަދީ ވިދާޅުވި އެވެ.
އީރާނުން ވަނީ ވޭތުވެ ދިޔަ އަހަރު 977 މީހުންނަށް މަރުގެ އަދަބު ދީފަ އެވެ. އޭގެ ތެރެއިން ގިނައީ މަސްތުވާތަކެއްޗާ ގުޅުން ހުރި ކުށުގެ މީހުންނެވެ. އަދި މި އަހަރުގެ މިހާތަނަށް 743 މީހަކަށް އީރާނުން މަރުގެ އަދަބު ދީފައިވާ ކަމަށް އިންސާނުންގެ ހައްގުތަކަށް މަސައްކަތްކުރާ އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެ އެވެ.