30 Oct 2016, 08:59
އުތުރު އަފްގާނިސްތާނުގައި ހުންނަ އަންހެން ކުދިންނަށް ކިޔަވައިދޭ ސްކޫލެއް ހަތިޔާރު އެޅި ބަޔަކު ރޯކޮށްލައިފި އެވެ.
އަފްގާނިސްތާންގެ އުތުރުގައި އޮންނަ ޖޯޒާން ޕްރޮވިންސްގައި ހުންނަ އެ ސްކޫލުގައި ހަތިޔާރު އަޅާއިގެން ތިބި ބަޔަކު ރޯކޮށްލާފައި ވަނީ، އެތަނުގެ ތެރެއަށް ވަދެގަނެ އެތަނުގެ ސެކިއުރިޓީ ބަލަހައްޓާ މީހާއާ މާރާމާރީ ހިންގުމަށް ފަހު އެވެ.
އިއްޔެ ހިނގި އެ ހާދިސާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވިނަމަވެސް، އަފްގާނިސްތާންގެ ފުލުހުން އެކަމުގެ ތުހުމަތު އަޅުވަނީ އަފްގާނިސްތާނުގައި އަތްގަދަ ކުރަމަށް މަސައްކަތްކުރަމުންދާ ތާލިބާން ޖަމާއަތުންގެ ހަނގުރާމަވެރިންގެ ބޮލުގަ އެވެ.
ޕްރޮވިންސްގެ ގަވަރުނަރުގެ ތަރުޖަމާން ރެޒާ ގަފޫރީ ވިދާޅުވީ، ގާތްގަނޑަކަށް 500 އަންހެން ދަރިވަރުން ކިޔަވަމުންދާ އެ ސްކޫލުގައި ރޯކޮށްލުމަށް ފަހު އެ ސްކޫލަށް ދެން އަންހެން ކުދިން ނުވެއްދުމަށް ހަތިޔާރު އަޅައިގެން ތިބި މީހުން އިންޒާރު ދީފައިވާ ކަމަށެވެ.
ސަރައްދީ ފުލުހުންގެ ޑެޕިއުޓީ ޗީފް އަބްދުލް ހާފިޒް ޚާޝެހް ވިދާޅުވީ، އެ ހަމަލާގެ ފަހަތުގައި ވަނީ މީގެ ކުރިން ވެސް އެ ސަރަހައްދުގެ ސްކޫލްތަކަށް ހަމަލާދީފައިވާ ތާލިބާން ޖަމާއަތް ކަމަށެވެ. އަދި އެ ހާދިސާގެ ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަފްގާނިސްތާނުގައި 1996 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާ ހަމައަށް އަތްގަދަކޮށްގެން އުޅުނު ތާލިބާނުން ވަނީ އެމީހުންގެ ވެރިކަމުގައި އަންހެން ކުދިން ތައުލީމް ހާސިލްކުރުމަށް ދެކޮޅު ހަދައިފަ އެވެ.
ނަމަވެސް އެމެރިކާ އިސްވެ އޮވެ އައިސެފްގެ އެހީތެރިކަމާ އެކު އެގައުމުގައި ހިންގި އޮޕަރޭޝަންގައި ތާލިބާނުންގެ ބާރު ކެނޑިގެން ދިއުމާ ގުޅިގެން އެތައް މިލިއަން އަންހެން ކުދިންނެއް ސްކޫލްތަކުން ތައުލީމު ހާސިލްކުރަން ފެށި އެވެ.
އަފްގާނިސްތާން ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ، އެގައުމުގެ ސަރުކާރާއި އެމެރިކާ އިސްވެ އޮވެ އެގައުމުގައި ހަރަކާތްތެރިވާ ސިފައިންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގާ ވޭތުވެ ދިޔަ ދެ މަހުގެ ތެރޭގައި 300 އަށްވުރެ ގިނަ ސްކޫލްތަކަށް ތާލިބާނުން ހަމަލާދީފައިވާ ކަމަށެވެ.