ސްޕެއިންގައި މައިނޯރިޓީ ސަރުކާރެއް ގާއިމުކުރުމަށް އެގައުމުގެ ވަގުތީ ބޮޑުވަޒީރު މަރިއާނޯ ރަހޯއިއަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ހުއްދަ ދީފިއެވެ.

މަރިއާނޯ ރަހޯއި ސްޕެއިންގެ ބޮޑުވަޒީރުކަމަށް އައީ 2011 ވަނަ އަހަރު، އެ އަހަރު ބޭއްވި އާންމު އިންތިޚާބުގައި އޭނާގެ ޕޮޕިއުލާ ޕާޓީ (ޕީޕީ) ލިބުނު ކާމިޔާބީއާ ގުޅިގެންނެވެ. ނަމަވެސް މިދިޔަ އަހަރު ސްޕެއިންގައި ބޭއްވި އާންމު އިންތިޚާބުގައި ރަހޯއިގެ ޕާޓީއަށް މެޖޯރިޓީ ގެއްލުމާ ގުޅިގެން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ އެއްވެސް ޕާޓީއަކަށް ލިބިފައެއް ނުވެއެވެ.

ނަތީޖާއަކަށް ވީ، ސްޕެއިންގައި ރާހޯއިގެ ބެލުމުގެ ދަށުން އިންތިގާލީ، ވަގުތީ ސަރުކާރެއް ގާއިމު ކުރުމަށެވެ. ސްޕެއިންގެ ނިޒާމު އޮތް ގޮތުން އެގައުމުގެ ބޮޑުވަޒީރަކަށް ވާނީ މެޖޯރިޓީ ލީޑަރެވެ. ނުވަތަ ޕާލަމެންޓުގައި ހިމެނޭ ޕާޓީތަކުން މަޝްވަރާކޮށްގެން ނޮމިނޭޓުކުރާ މެމްބަރެކެވެ.

ސްޕެއިންގެ ބޮޑުވަޒީރުގެ މަގާމަށް ޕޮޕިއުލާ ޕާޓީގެ ރަހޯއި ހަމަޖެއްސީ، ގާނޫނު ހަދާ މަޖިލީހުގެ "ސިޓިޒެންސް ޕާޓީ"ގެ ބޮޑު ސަޕޯޓެެއްގެ އިތުރުން، ސޯޝަލިސްޓު ޕާޓީގެ މަދު ބައެއްގެ ތާއީދާ އެކުގައެވެ. ސޯޝަލިސްޓް ޕާޓީގެ 68 މެމްބަރަކު އެ ވޯޓުގައި ބައިވެރިއެއް ނުވެއެވެ.

ރަހޯއިއަށް ސްޕެއިންގެ ބޮޑުވަޒީރުކަން ދިނުމާ ގުޅިގެން، އޭނާއަށް މައިނޯރިޓީ ސަރުކާރެއް ގާއިމު ކުރުމުގެ ބާރު ލިބޭނެއެވެ.