ވިލާތުގެ އިއްތިހާދާއި ކެނެޑާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (ފްރީ ޓްރޭޑް އެގްރިމެންޓް)ގައި ސޮއިކުރުމަށް ދެފަރާތުން ވެސް ތައްޔާރުވެއްޖެއެވެ.

"ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް ޓްރޭޑް އެގްރީމެންޓް ވިތު ކެނެޑާ" ނުވަތަ ސީޓާގެ ނަމުން ނަން ދެވިފައިވާ މި އެއްބަސްވުން ތަންފީޒުކުރެވޭނީ، ވިލާތުގެ އިއްތިހާދުގެ ހުރިހާ މެމްބަރު ގައުމަކުން އެއްބަސްވުން އެެންޑޯޒް ކުރުމުންނެވެ.

މި އެއްބަސްވުން ތަންފީޒު ކުރުމުގެ މަޝްވަރާތައް މީގެ ހަތް އަހަރު ކުރިން ފެށި ނަމަވެސް، މިކަން ހުއްޓިފައި އޮތީ ބެލްޖިއަމްގެ ވަލޯނިއާ ރީޖަނުން އެއްބަސްވުމާ ދެކޮޅު ހެދުމުންނެވެ. ވަލޯނިއާއިން ބުނަމުން ދިޔައީ މަސައްކަތްތެރީންނާއި ތިމާވެށީގެ އިތުރުން ކޮންސިއުމަރުންގެ ހައްގުތައް އިތުރަށް ރައްކާތެރިކުރަން ބޭނުންވާ ކަމަށެވެ. އަދި ކެނެޑާގެ އިމްޕޯޓުތަކުގެ ސަބަބުން ވަލޯނިއާގެ ދަނޑުވެރިންނަށް ކުރިމަތިވާނެ ގޮންޖެހުންތަކުން އެމީހުން ރައްކާތެރިކުރުމަށް ވެސް ވަލޯނިއާއިން އެދިފައިވެއެވެ.

ބެލްޖިއަމްގެ ބޮޑުވަޒީރު ޗާލްސް މިޝެލް ވިދާޅުވެފައިވާ ގޮތުން، ވަލޯނިއާގެ ކަންބޮޑުވުންތަކަށް ހައްލު ގެނެވޭނެ މާއްދާއެއް، ސީޓާ އެގްރިމެންޓަށް އިތުރު ކުރުމަށް ވަނީ ނިންމާފައެވެ. މިއާއި އެކު، މިއަދުގެ ވަގުތެއްގައި ކެނެޑާއާއި ވިލާތުގެ އިއްތިހާދުގެ 28 ގައުމާ ދެމެދު ފްރީ ޓްރޭޑް އެގްރިމެންޓެއް ގާއިމު ކުރެވޭނެއެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ، މި އެގްރިމެންޓުގައި ސޮއިކުރެވި، ތަންފީޒު ކުރެވޭނެ ކަމުގެ ޚަބަރަކީ ވަރަށް އުފާވެރި ޚަބަރެއް ކަމަށެވެ.

ވިލާތުގެ އިއްތިހާދުގެ ރައީސްކަން ކުރަމުންދާ ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބަރޓް ފީކޯ ވިދާޅުވި ގޮތުން މިއީ ވިލާތުގެ އިއްތިހާދުގެ ވިޔަފާރީގެ ސިޔާސަތުތަކަށް އިތުރުވެގެންދާ ވަރަށް ޚާއްސަ ކުރިއެރުމެކެވެ.

ސީޓާ އެގްރިމެންޓުގެ ދަށުން، އީޔޫގެ ގައުމުތަކާއި ކެނެޑާއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި ހިމެނޭ ޓެރިފްތަކާއި ޑިއުޓީތަކުގެ 98 ޕަސަންޓު ކަނޑާލެވޭނެއެވެ.

އެއީ ގާތްގަނޑަކަށް 550 މިލިޔަން ޑޮލަރު ސަލާމަތް ކުރެވުމެވެ.

ވިލާތުގެ އިއްތިހާދުގެ 28 ގައުމުގެ ޖުމްލަ އާބާދީއަކީ 508 މިލިޔަން މީހުންނެވެ. އަދި ކެނެޑާގެ ޖުމްލަ އާބާދީއަކީ 36.3 މިލިޔަނެވެ.