މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އިންޑިއާގެ ނެސްލޭ ކުންފުންޏަށް 403 މިލިޔަން ޑޮލަރުގެ ފައިދާއެއް ލިބިއްޖެއެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅައިބަލާއިރު 116.9 ޕަސަންޓުގެ ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ނެސްލޭއަށް ލިބިފައިވަނީ 185.9 މިލިޔަން ޑޮލަރުގެ މާލީ ފައިދާއެކެވެ.

ސްވިޓްޒަލެންޑުގެ ނެސްލޭ ކުންފުނީގެ އިންޑިއަން ސަބްސިޑަރީ، ނެސްލޭ އިންޑިއާއިން އެކުންފުނީގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް އާންމުކޮށްފައިވާ އިރު، އެ ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ތިންވަނަ ކުއާޓަރުގައި 3.5 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް އެކުންފުންޏަށް ލިބިފައިވެއެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރާ ހަމައަށް ނެސްލޭއަށް ލިބިފައިވާ ޖުމްލަ ފައިދާއަކީ 1.13 ބިލިޔަން ޑޮލަރެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ ހަމައަށް ނެސްލޭއަށް ލިބިފައިވަނީ 569 މިލިޔަން ޑޮލަރުގެ ފައިދާއެކެވެ. މިއީ ގާތްގަނޑަކަށް 99 ޕަސަންޓުގެ ކުރިއެރުމެކެވެ.

ނެސްލޭގެ އާމްދަނީއާއި ފައިދާ މިދިޔަ އަހަރު އެހާ ދަށަށް ގޮސްފައިވަނީ، އެކުންފުނިން އުފައްދާ މެގީ ބްރޭންޑުގެ ނޫޑްލްސްގައި މައްސަލަތަކެއް ދިމާވެ، ގިނަ އަދަދެއްގެ މެގީ ނޫޑްލްސް ބާޒާރުން ނަގައި، އެ ނައްތާލަން ޖެހުމާ ގުޅިގެންނެވެ.

އެހެން ނަމަވެސް މިހާރު ނެސްލޭއިން ވަނީ މިދިޔަ އަހަރު ދިމާވި މައްސަލަތަކުން އަރައިގަނެ، އެކުންފުނިން އިންޑިއާގެ ބާޒާރުގައި އިންސްޓަންޓް ނޫޑްލްސްގެ މާކެޓުގައި ހިފަހައްޓަމުން އައި ޕޮޒިޝަން އަލުން ރިކަވަރ ކޮށްފައެވެ.

ނެސްލޭ އިންޑިއާގެ މެނޭޖިންގް ޑިރެކްޓަރު ސުރޭޝް ނަރަޔަނަން ވިދާޅުވީ ދާދި ފަހުން ނެސްލޭއިން ތަފާތު 25 ޕްރޮޑަކްޓެއް އަލަށް ތައާރަފުކޮށްފައިވާނެ ކަމަށާއި، ނެސްލޭ އިންޑިއާއިން މި ކުއާޓަރުގައި ހޯދާފައިވާ ކުރިއެރުންތަކުގައި މި ސްޓްރެޓަޖީގެ ހިއްސާ ބޮޑު ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ވާނީ އިންސްޓަންޓް ނޫޑްލްސް ކެޓަގަރީގައި ލީޑަޝިޕް ޕޮޒިޝަން ހޯދާފައި. މިކަމުން ދައްކައިދެނީ މެގީގެ ބްރޭންޑަށް ކަސްޓަމަރުން ކުރާ އިތުބާރުގެ ބޮޑުކަން،" އޭނާ ވިދާޅުވިއެވެ.