ވިލާ ކޮލެޖުން އަންނަ އަހަރުގެ ޖަނަވަރީ މަހު ފަށަން ހަމަޖެހިފައިވާ ފުރަތަމަ ސެމިސްޓާގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޮލެޖުން ހުޅުވާލައިފި އެވެ.

އަންނަ އަހަރު ޖަނަވަރީ މަހަށް އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް މެނޭޖްމަންޓް، ޓީޗިން، އެޑިއުކޭޝަން، ޝަރީއާ އެންޑް ލޯ، ހިއުމަން ރިސޯސަސް، ޓުއަރިޒަމްގެ އިތުރުން އެކައުންޓިން އަދި މެރިން ސްޓަޑީސް ހިމެނޭ ގޮތަށް ޖުމްލަ 15 ދާއިރާ އަކުން ފުރުސަތު ހުޅުވާލާފައިވާއިރު، ވިލާ ކޮލެޖުން ބުނީ، އެ ދާއިރާތަކުން ޖުމްލަ 57 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުތަކުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ކޯސް ހުޅުވާލާފައިވަނީ ޑިގްރީންނެވެ. ޑިގްރީ ފެންވަރުގެ 15 ކޯހެއް ވަނީ އަންނަ ޖަނަވަރީ މަހަށް ހުޅުވާލާފައެވެ.

އޭގެ އިތުރުން ސެޓްފިކެޓް ފެންވަރުގެ އަށް ކޯހަކާއި ފައުންޑޭޝަން ފެންވަރު ނުވަ ކޯހަކާއި ޑިޕްލޮމާ ފެންވަރުގެ ހަތް ކޯހެއް ހުޅުވާލާފައިވާއިރު، އެޑްވާންސް ޑިޕްލޮމާ ފެންވަރުގެ ދެ ކޯހެއް ހިމެނެ އެވެ.

އަދި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާގެ ތިން ކޯހަކާއި މާސްޓާސް ފެންވަރުގެ ހަ ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް އެ ކޮލެޖުން ވަނީ ހުޅުވާލާފައެވެ.

ވިލާ ކޮލެޖުން ބުނީ، އަންނަ ޖަނަވަރީ މަހަށް ކުރިމަތިލުމަށް ހުޅުވާލި ކޯސްތަކުގެ ތެރޭގައި ހިމެނޭ، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ އެމްއެސްސީ ޕަބްލިކް ހެލްތު ކޯހަކީ އެ ކޮލެޖުގައި މުޅީން އަލަށް ފަށަން ހަމަޖެހިފައިވާ ކޯހެއް ކަމަށެވެ.

ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއުއައި ކެމްޕަހުގެ އިތުރުން ވިލާ ކޮލެޖުން އޭދަފުށި، ނައިފަރު، އައްޑޫ، ހިތަދޫގެ އިތުރުން މަހިބަދޫ، ކުޅުދުއްފުށި އަދި ފުވައްމުލަކުގައި ހުޅުވާފައިވާ އެ ކޮލެޖުގެ ކެމްޕަސްތަކުންނާއި ށ. ފުނަދޫގައި ހުޅުވާފައި ހުންނަ އެ ކޮލެޖުގެ ލޭކްސައިޑް ކެމްޕަހުން ވެސް ބައެއް ކޯސްތައް ފަށާނެ އެވެ.

ވިލާ ކޮލެޖުން މައުލޫމާތު ދިން ގޮތުގައި، އެ ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން ކޯހުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ އަންނަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަސް ކަމަށެވެ.

އަދި ވިލާ ކޮލެޖުގައި ކިޔަވާ ދަރިވަރުންނަށް މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފައިނޭންޝަލް ފެސިލިޓީސްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށް ބުންޏެވެ.