ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، 350 ލީގު ގޯލު ފުރިހަމަކޮށްފި އެވެ.

ރޮނާލްޑޯގެ 350 ވަނަ ލީގު ގޯލްފެނިގެން ގޮސްފައިވަނީ ރަށުން ބޭރުގައި މިރޭ ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ކުޅުނު ސްޕެނިޝް ލަލީގާގެ މެޗުގައެވެ.

އަލަވޭސްއާ ދެކޮޅަށް ރެއާލް ކުޅުނު އެ މެޗުން މޮޅުވެފައިވަނީ 4-1 ލަނޑުންނެވެ. އެ މެޗުގައި ރޮނާލްޑޯގެ ފަރާތުން ހެޓްރިކެއް ފެނިގެން ގޮސްފައިވެ އެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ރޮނާލްޑޯގެ ދެ ގޯލް ފެނިގެންދިޔަ އިރު، އޭނާ ހެޓްރިކް ފުރިހަމަކޮށްފައިވަނީ ދެ ވަނަ ހާފު ތެރޭގައެވެ.

ސްޕެނިޝް ލަލީގާގައި އަލަވޭސް ކޮޅަށް ރެއާލްގެ ރޮނާލްޑޯ ޖެހި ފުރަތަމަ ގޯލަށްފަހު އުފާފާޅުކުރަނީ: މިހާތަނަށް ރޮނާލްޑޯ ކާމިޔާބުކުރި ލީގު ގޯލުގެ އަދަދު 350 އަށް ވަނީ އަރައިފަ --- ފޮޓޯ: ރޮއިޓާސް

ރޮނާލްޑޯ 350 ލީގު ގޯލް ފުރިހަމަކޮށްފައިވަނީ ރެއާލްގެ އިތުރުން ޕޯޗުގަލްގެ ސްޕޯޓިން އާއި އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީއަށް ކާމިޔާބުކޮށްދިން ގޯލްތަކާއެކު އެވެ. ސްޕޯޓިންގައި ރޮނާލްޑޯ ތިން ލީގު ގޯލް ކާމިޔާބުކުރި އިރު، ޔުނައިޓެޑާއެކު ޕްރިމިއާ ލީގުގައި އޭނާ 84 ލަނޑު ކާމިޔާބުކޮށްފައިވެ އެވެ.

ރެކޯޑް ޓްރާންސްފާއެއްގައި 2009 ވަނަ އަހަރު ރެއާލްއާ ގުޅުނު ރޮނާލްޑޯ ވަނީ މިހާތަނަށް އެ ކްލަބަށް ކުޅުނު ސްޕެނިޝް ލަލީގާގެ 243 މެޗުން 263 ގޯލް ކާމިޔާބުކޮށްފައެވެ.

ރޮނާލްޑޯ ވަނީ މިހާތަނަށް އޭނާ ނުކުތް ސްޕެއިންގެ ހުރިހާ ކްލަބެއް ކޮޅަށް ލަނޑު ޖަހައިފައެވެ.