11 Jun 2011, 15:08
ރާއްޖޭގައި ސަރުކާރުން އަގުކޮންޓްރޯލް ކޮށްގެން ވިއްކާ ބާވަތްތަކެއް ކަމަށްވާ ކާޑުގެ ބާވަތްތައް ވިއްކޭނެ އެންމެ ބޮޑު އަގަށް ސަރުކާރުން ބަދަލު ގެނެސްފި އެވެ.
ޓްރޭޑް މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކާޑުގެ އަގު ބޮޑުކުރީ ދުނިޔެ އާއި ރާއްޖޭގެ ބާޒާރުގައި ވެސް ތެލުގެ އަގު އެތައް ގުނައެއް މަތިވެފައިވާތީ ކާޑުގެ ބާވަތްކަކުގެ ކޮންޓްރޯލް އަގު ހެދުމުގައި ހިމަނާ ހަރަދުތަކަށް ބަދަލުގެނެސްގެން ނޫނީ އެ ބާވަތްތައް ވިއްކާ ފަރާތްތަކަށް ގެއްލުން ނުވާނެ ގޮތަކަށް އެތަކެތި ވިއްކެން ނެތުމުން ކަމަށެވެ.
ޓްރޭޑް މިނިސްޓްރީން އިއުލާނާ ގުޅިގެން ކާޑުގެ އަގު އެންމެ ބޮޑުވެފައި ވަނީ އައްޑޫ ސިޓީގަ އެވެ. އައްޑޫ ސިޓީ އަށް ކާޑު އުފުލާ ބޯޓްފަހަރުން ބަސްތާއަކަށް ނާލުގެ ގޮތުގައި 35 ރުފިޔާ ނެގޭ ގޮތަށް ހަމަޖައްސާފައި ވާއިރު މަޖޫރީންނަށް ނެގޭ އަގެއް ކަމަށް ކަނޑައަޅާފައި ވަނީ ބަސްތާއަކަށް 16 ރުފިޔާ އެވެ.
ރާއްޖޭގެ އެންމެ އުތުރުގައިވާ ހއ. އަތޮޅުގައި ނާލަށް 35ރ. ނެގޭ ގޮތަށް އޮތް ނަމަވެސް މަޖޫރީންނަށް ނެގެނީ 6.50.ރ އެވެ.
މިބަދަލުތަކާ އެކު އައްޑޫ ސިޓީގައި ފުށްކިލޯއެއް ވިއްކޭނީ ބޮޑުވެގެން 3.35ރ.ގެ ރޭޓުންނެވެ. އަދި ހަކުރު ކިލޯއެއް 5.40ރ. އަށް ވިއްކޭއިރު ހަނޑޫ ކިލޯއެއް 5.35 ލާރިއަށް ވިއްކޭނެ އެވެ.
ޓްރޭޑް މިނިސްޓްރީން މިގެނައި ބަދަލާ އެކު މާލޭގައި ފުށް ކިލޯއެއް 3.35ރ. އަށް ވިއްކޭއިރު ހަކުރު ކިލޯއެއް 4.35 އަށް އަދި ހަނޑޫ ކިލޯއެއް ވެސް ވިއްކޭނެ އެންމެ ބޮޑު އަގަކީ 4.35ރ. އެވެ.
ކާޑު ވިއްކާ އަގަށް އައި ބަދަލު އެންމެ ކުޑަކޮށް ކަނޑައަޅާފައިވާ މާލޭގައި ކާޑު ވިއްކާ އަގަށް އެވްރެޖްކޮށް އިތުރުވެފައި ވަނީ ފަސް ލާރިއާއި ހަތްލާރިއާ ދެމެދުގެ މިންވަރެކެވެ. އެއީ 1.6 ޕަސެންޓްގެ އިތުރުވުމެކެވެ.
އެންމެ ބޮޑު ބަދަލެއް ގެނައި އައްޑޫ ސިޓީގައި ކާޑުގެ ބާވަތްތަކުގެ އަގުން އެވްރެޖްކޮށް 36ލާރި އާއި 38ލާރި ( 8.2 ޕަސެންޓް) ވަނީ ބޮޑުވެފަ އެވެ.
ކާޑުގެ އަގު މިފަހަރު ބޮޑުކުރި އިރު 9.7 ޕަސެންޓާ ހަމައަށް ބޮޑުކޮށްފައި ވިޔަސް މީގެ ކުރިން 2005 ވަނަ އަހަރު އަގަށް ބަދަލު ގެނައި އިރު ބޮޑުވެފައި ވަނީ 5.9 ޕަސެންޓާއި 7.6 ޕަސެންޓާ ދެމެދުގެ މިންވަރަކަށެވެ.