އަމިއްލަ ދަނޑުގައި ބާންލީއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު އިނގިރޭސި ޕްރިމިއާ ލީގު މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.

އޯލްޑް ޓްރަފަޑްގައި މޮޅު ކުޅުމެއް ދެއްކި ޔުނައިޓެޑަށް މިރޭ ބާންލީ ކޮޅަށް ލަނޑެއް ނުޖެހި އެއްވަރުވީ އިރު، ޔުނައިޓެޑަށް ފަހުހާފުގެ ބޮޑު ބައެއް ކުޅެން ޖެހުނީ އެއްކުޅުންތެރިއަކު ނުލައެވެ. އަދި ފަހުހާފުގައި ކޯޗު ހޯޒޭ މޮރީނިއޯ ވެސް ވަނީ ބެންޗުން ފޮނުވާލައިފައެވެ.

ޔުނައިޓެޑްގެ މިޑްފީލްޑަރު އެންޑަ ހެރޭރާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލީ 68 ވަނަ މިނިޓްގައި އޭނާ ބާންލީގެ މިޑްފީލްޑަރު ޑީން މާނީއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

ޔުނައިޓެޑުން ބާންލީގެ ގޯލަށް އަމާޒުކޮށް 37 ހަމަލާ އުފެއްދި އިރު އެޓީމުގެ ކުރީގެ ކީޕަރު ޓޮމް ހީޓަން ވަނީ މި މެޗުގައި، ޔުނައިޓެޑްގެ ގިނަ ހަމަލާތަކެއް މަތަކޮށްފައެވެ.

ބާންލީގެ ގޯލްކީޕަރު ހީޓަންގެ މޮޅު ސޭވްތަކާއެކު، މެޗުގައި ލަނޑެއް ނުޖެހި ޔުނައިޓެޑްގެ ކުޅުންތެރީންގެ މާޔޫސްކަމާއި ނުތަނަވަސްކަން އިތުރުވަމުން ދިޔަ މެޗުގެ ދެވަނަ ހާފްގައި ކޯޗު ހޯޒޭ މޮރީނިއޯ ވަނީ ބެންޗުން ނެރެ، ސަޕޯޓަރުންގެ ތެރެއަށް ފޮނުވާލައިފައެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ބާންލީ ކުޅުނު މެޗުގައި ކޯޗު ހޯޒޭ މޮރީނިއޯ ޔުނައިޓެޑްގެ ބެންޗުން ފޮނުވާލާފައި-- ފޮޓޯ: ބީބީސީ

މޮރީނިއޯ ބެންޗުން ފޮނުވާލީ، ބާންލީގެ ޑިފެންޑަރު ޖޮން ފްލެނަގާން އެޓީމުގެ ޕެނަލްޓީ އޭރިޔާ ތެރޭން ޔުނައިޓެޑްގެ ޑިފެންޑަރު މަޓިއޯ ޑާމިއާންއަށް ފައުލުކުރި ނަމަވެސް އޭނާއަށް ރެފްރީ މާކް ކްލަޓެމްބާރގު ކާޑު ނުދެއްކުމުން އެކަމާ ނުރުހުން ފާޅުކުރުމުންނެވެ. މޮރީނިއޯ ވަނީ އެއީ ޕެނަލްޓީއެއް ކަމަށްބުނެ މައްސަލަ ޖައްސައިފައެވެ.

މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ހަތް ލީގު މެޗުގެ ތެރޭން އެންމެ މެޗަކުން މޮޅުވެފައި ވާއިރު، އެޓީމު ވަނީ، ސިޓީއާއި އާސެނަލަށްވުރެ އަށް ޕޮއިންޓް ފަހަތަށް ވެއްޓިފައެވެ. ތާވަލުގެ އަށް ވަނައިގައި އެޓީމު އޮތީ 15 ޕޮއިންޓާއެކު އެވެ.