29 Oct 2016, 22:01
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފަހު ބުރުގެ ގުރޫޕް އެކެއްގައި އެންމެ ފަހުގެ ޗެމްޕިއަން ސ. ފޭދޫ ކުޅުނު މެޗު ފަސޭހަކަމާ އެކު 5-0ގެ ނަތީޖާ އަކުން ގއ. ދެއްވަދޫގެ މައްޗަށް ކުރި ހޯދައިފިއެވެ.
ދ. ކުޑަހުވަދޫ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ފޭދޫ ޓީމުން ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށް ބޮޑު ލީޑެއް ނަގާފައެވެ. އޭގެ ތެރޭން ފުރަތަމަ ތިން ލަނޑު ފޭދޫން ކާމިޔާބުކުރީ ފުރަތަމަ 15 މިނެޓް ތެރޭގައެވެ.
ފޭދޫގެ ފުރަތަމަ ލަނޑު އިބްރާހިމް އިފާން ކާމިޔާބުކުރި އިރު ދެވަނަ ލަނޑަކީ ދެއްވަދޫގެ އަބްދުﷲ ނަސީރު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ފޭދޫ ޓީމުގެ ތިން ވަނަ ލަނޑު އިބްރާހީމް މުހައްމަދު ކާމިޔާބުކުރިއިރު ހަތަރު ވަނަ ލަނޑު ކާމިޔާބުކުރީ އަހުމަދު ތޮލާލްއެވެ.
ދެވަނަ ހާފްގައި ދެއްވަދޫން ވަނީ ފޭދުއަށް ލަނޑެއް ކާމިޔާބުކުރިޔަނުދީ 45 މިނެޓް ހިފައްހައްޓައިފައެވެ. ފޭދޫގެ ފަހު ލަނޑު ދެވަނަ ހާފުގެ އިތުރުވަގުތުކޮޅުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް މަހްދީއެވެ.
އެ ގުރޫޕްގައި ދެން މެޗެއް އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ. އެދުވަހު ކުޅޭ މެޗުގައި ދ. ކުޑަހުވަދޫ ނިކުންނާނީ ދެއްވަދުއާ ދެކޮޅަށެވެ.
ގުރޫޕް ދޭއްގައި މިއަދު ކުޅުނު މެޗު ބ. އޭދަފުށީ ޓީމުން ކާމިޔާބުކުރީ 4-2ގެ ނަތީޖާ އަކުން ހދ. ހަނިމާދޫ ބަލިކޮށްފައެވެ.
ތ. ތިމަރަފުށީގައި ކުޅުނު މެޗުގައި އޭދަފުށީގެ ދެ ލަނޑު އިޝާން އިބްރާހިމް ކާމިޔާބްކުރިއިރު އަނެއް ދެ ލަނޑު ކާމިޔާބުކުރީ އަޒްމީން އަބްދުލް ސައްތާރުއެވެ. ހަނިމާދޫގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ އާސިފް ސަލީމާއި ނޫރުﷲ ތޯހާއެވެ.
އެ ގްރޫޕްގައި ކުޅޭ ތިން ވަނަ މެޗުގައި އަންނަ ހޯމަ ދުވަހު ތިމަރަފުށި ނިކުންނާނީ ހދ. ހަނިމާދުއާ ދެކޮޅަށެވެ.