ސަރުކާރުން ކަން ކުރަމުން އަންނާނީ ހުރިހާ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށާއި ވަކި ބޭފުޅަކު ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންދިއުމަކުން ސަރުކާރު ގަބޫލުކުރާ އުސޫލުތަކަށް ބަދަލު ނާންނާނެ ކަމަށް ސަރުކާރުން މިރޭ ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިރޭ ކުރެއްވި ޓްވީޓުތަކެއްގައި ވިދާޅުވީ، ސަރުކާރު ދެމި އޮންނާނީ ރައްޔިތުންނަށްޓަކައި ޚިދުމަތް ކުރުމަށާއި، ވަކި ބޭފުޅެއްގެ ތާއީދަކުން ނުވަތަ ތާއީދު ނުކުރުމަކުން ސަރުކާރުން ރާއްޖެއަށް ގެންނަ ތަރައްގީއަށް ހީނަރުކަމެއް ނާންނާނެ ކަމަށެވެ.

މުއާޒް ވިދާޅުވީ ސަރުކާރަކީ "ވަކި ފަރުދެއް ބުނާ ގޮތަކަށް، ވަކި ފަރުދަކަށް ފައިދާވާނެ ގޮތަށް ހިނގަމުންދާ ސަރުކާރެއް ނޫން" ކަމަށާއި، ސަރުކާރުން އަބަދުވެސް ކަންކަން ކުރަމީ އެންމެހާ ރައްޔިތުންގެ ލާބައާއި މަންފާއަށް، އެ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

ޕީޕީއެމްގެ އެތެރޭގައި އޮތް ޚިޔާލު ތަފާތުވުންތަކާ ގުޅިގެން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވިކަން އިއުލާން ކުރައްވާފައިވާ އިރު، މުއާޒް މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ވަކި ބޭފުޅަކު ބޭނުންހާ ގޮތަކަށް ސަރުކާރު ހިންގާނެ ކަމަށް ދެކިގެން، ބޭނުންހާ ކަމެއް ހާސިލު ނުވުމުން ސަރުކާރަށް ކުރި ތާއީދު އަނބުރާ ގެންގޮސް ސަރުކާރުގެ ބޮލުގައި އިލްޒާމުތައް އަޅުވައި، އިދިކޮޅަށް ތެދުވި ނަމަވެސް ސަރުކާރުން ގަބޫލުކުރާ ހަމައާއި އުސޫލުތަކަށް ބަދަލު ނާންނާނެ ކަމަށެވެ.

"މި ސަރުކާރު އަބަދުވެސް ހިނގަމުން ދާނީ ގައުމާއި ރައްޔިތުންގެ ތަރައްގީ އިސްކޮށްގެން،

"ކުރީގެ ރައީސުންނާއި އިދިކޮޅު ފަރާތްތަކަށް މި ސަރުކާރުން ކުރާ އިލްތިމާހަކީ، ހުރިހާ ރައްޔިތުންގެ ތަރައްގީއަށް މި ސަރުކާރުން ކުރަމުންދާ ތަރައްގީގެ މަސައްކަތްތަކަށް ޖާގަ ދެއްވުން. ޒުވާނުން ރުޅި ނާރުވައި އަމާންކަން ގައުމުގައި ދަމަހައްޓައިދެއްވުން،" މުއާޒް ވިދާޅުވިއެވެ.

މުއާޒު މިހެން ވިދާޅުވެފައިވާ އިރު، ބައެއް އަމިއްލަ ފަރާތްތަކަކުން ގުޅިގެން "ދިވެހި ރައްޔިތުންގެ އަޑު - ރައްޔިތުން ފަނާވަނީ"ގެ ނަމުގައި ހަރަކާތްތަކެއް ހިންގާނެކަން މިރޭ ވަނީ އިއުލާން ކޮށްފައެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިރޭ ނޫސްވެރިންނާ ބައްދަލުކޮށް، އަމިއްލަ ފަރާތްތަކުގެ މި ގްރޫޕުން ވަނީ، ތަކެތީގެ އަގު އުފުލިފައި ވުމާއި، އަންނަ އަހަރު ބައެއް މުދަލުން ޑިއުޓީ ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރިއާޔަތްކޮށް، ތަކެތީގެ އަގު ބޮޑުވާނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ގްރޫޕުން ވަނީ، ސިޔާސީ ޕާޓީތަކުން އެފަރާތާ ގުޅި، އެފަރާތުން ތަކެތީގެ އަގު ބޮޑުވުމާ ދެކޮޅަށް ހިންގަން ރާވާ އިހުތިޖާޖުތަކުގައި ބައިވެރިވުމަށް ވެސް ގޮވާލައިފައެވެ.