އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ، އެ ޕާޓީން ވަކިކުރުމަށް އެޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމައިފިއެވެ.

އެމްޑީޕީން ވަނީ، އަލްހާން ފަހުމީގެ މައްސަލައިގައި އެޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމަށްފަހު އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓު އާންމުކޮށްފައެވެ.

އަލްހާން ފަހުމީ ޕާޓީން ވަކިކޮށްދިނުމަށް އެދި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 50 މެމްބަރުންގެ ސޮއިއާ އެކު ޕެޓިޝަނެއް، ފިޔަވަޅު އަޅާ ކޮމިޓީއަށް ފޮނުވީ އޭނާ އެމްޑީޕީގެ އަސާސީ ގަވައިދާ ޚިލާފަށް، އެޕާޓީގެ މަސްލަހަތުތައް ގެއްލޭނެ ފަދަ ގޮތަކަށް އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެއެވެ.

ފިޔަވަޅު އަޅާ ކޮމިޓީން ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި، އެމްޑީޕީގެ ގުނަވަންތަކުން ފާސްކޮށް ނިންމައިގެން އެޕާޓީ ބައިވެރިވެފައިވާ އިއްތިހާދު ގަބޫލު ނުކުރާނެކަމަށް ކަނޑައަޅައި، އެ އިއްތިހާދާ ދެކޮޅަށް މީޑިއާއާއި ސޯޝަލް މީޑިއާގައި ވާހަކަ ދެއްކުމާއި، ޕާޓީގެ ނަމުގައި ޕްރެސް ކޮންފެރެންސް ބާއްވައި ޕާޓީގެ ނިންމުންތަކަށް ފާޑު ކިޔުމާއި، އަލްހާން ހަމަނުޖެހުންތަކެއް ހިންގިކަމަށް ބުނާ ހާދިސާތައް ހިމެނެއެވެ.

މީގެ އިތުރުން، އަލްހާން ބައިވެރިވި ނޫސްވެރިންގެ ބައްދަލުވުމެއް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ލައިވްކޮށްފައިވާ އިރު، އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ބުނެފައިވަނީ ޕީއެސްއެމްގެ ޓީވީއެމްއަކީ ސަރުކާރު ހިންގާ ޕާޓީތަކުގެ ޖަލްސާތަކާއި ޕްރެސްތަކާއި ހަރަކާތްތައް ގަވައިދުން ލައިވްކޮށް، ކަވަރޭޖުދޭ ޗެނަލެއް ކަމަށާއި އެހެން ނަމަވެސް އެމްޑީޕީގެ އެއްވެސް ހަރަކާތެއް ލައިވްކޮށް، ކަވަރޭޖު ހަދައިނުދޭތީ، އަލްހާން އެ ޕްރެސް ކޮންފެރެންސް ބޭއްވީ ސަރުކާރުގެ ވާގި ހޯދައިގެން، ސަރުކާރު ބޭނުންވި ވާހަކަތަކެއް ދައްކައި އެމްޑީޕީގެ މަސްލަހަތު ނަގާލަން ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މިފަދަ ގިނަ ސަބަބުތަކެއް ފާހަގަކޮށް، އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވަނީ އަލްހާން އެޕާޓީގެ މެމްބަރުކަމުން ވަކިކުރުމަށެވެ.

އެގޮތުން، އޭނާ ޕާޓީން ވަކިކުރި ނަމަވެސް ޕާޓީގެ މެމްބަރަކަށް ވުމަށް އެދޭ ނަމަ 50 ދުވަސް ފަހުން އަލުން މެމްބަޝިޕް ފޯމު ހުށަހެޅޭނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އަދި ޕާޓީގެ މެމްބަރަކަށް އަލުން ވާ އިރު ޕާޓީގެ މެމްބަރުންގެ ކިބައިން މައާފަށް އެދި، އެފަދަ ބަޔާނެއް ޕާޓީގެ އިދާރާއިން ޝާއިއުކުރުމަށް ފޮނުވަން ޖެހޭނެ ކަމަށް ފިޔަވަޅު އަޅާ ކޮމިޓީގެ ރިޕޯޓުގައި ވެއެވެ.

އަދި އަލްހާނަށް އަލުން ޕާޓީގެ މެމްބަރުކަން ލިބިއްޖެ ނަމަ، އެ ތާރީޚަކުން ފެށިގެން ތިން އަހަރު ދުވަހުގެ ނިޔަލަށް އެޕާޓީގެ އެތެރޭގެ އެއްވެސް މަގާމަކަށް ކުރިމަތިނުލެވޭނެ ކަމަށާއި، ޕަޓީގެ އެއްވެސް ޕްރައިމަރީއެއްގައި އޭނާއަށް ވާދަ ނުކުރެވޭނެ ކަމަށް ވެސް ކޮމިޓީގެ ރިޕޯޓުގައި ވެއެވެ.