11 Jun 2011, 14:46
ދިރާގު ދިވެހި ލީގުގައި އޭވައިއެލްއާ ބައްދަލުކުރި މެޗުން އީގަލްސް މޮޅުވެއްޖެ އެވެ. މި މެޗުން އީގަލްސް މޮޅުވީ 1-0ގެ ކުޑަ ތަފާތަކުންނެވެ. މި މެޗުގައި އީގަލްސްގެ ފަރާތުން އައި ހަމައެކަނި ގޯލު ފެނުނީ 75 ވަނަ މިނިޓުގައި މުސްތަފާ އަބްދުﷲގެ ފަރާތުންނެވެ.
މި މެޗުގައި އޭވައިއެލްގެ ފަރާތުން ވެސް އީގަލްސްއަށް ކޮންމެވެސް ވަރަކަށް އުނދަގޫކުރި މަންޒަރު ފެނިފައިވެ އެވެ. އީގަލްސްގެ ކުޅުންތެރިން ވެސް މެޗުގެ ފަހުކޮޅު ނެގުނު ލީޑުގައި މެޗު ނިންމާލުމަށް ވަރަށް ގަދައަށް މަސައްކަތް ކުރިއެވެ.
މެޗަށް ފަހު އީގަލްސްގެ ކޯޗު ނިމާދު ބުނެފައި ވަނީ މިއީ އީގަލްސްއަށް ވަރުގަދަ މެޗެއް ކަމަށެވެ. އެހެންވެ 1-0 ގެ ސްކޯރއަކުން މެޗު ލިބުމަކީ ލިބުނު ވަރަށް ރަނގަޅު ކާމިޔާބެއް ކަމަށް އޭނާ ވަނީ ސިފަކޮށްފަ އެވެ.
އޭވައިއެލްގެ ކޯޗު އަޙްމަދު ނާޝިދު (ނާދު) ބުނީ މިމެޗުގައި އޭނާގެ ކުޅުންތެރިންނަށް އެކަށީގެންވާ ކުޅުމެއް ދެއްކިފައި ނުވާ ކަމަށެވެ.