ޗިލީ ފޯވާޑް އެލެކްސިސް ސަންޗޭޒާއި ފްރެެންޗް ފޯވާޑް އޮލިވާ ޖިރޫ ޖަހައިދިން ހިތްގައިމު ލަނޑުތަކާއެކު 4-1ގެ ނަތީޖާއަކުން ސަންޑަލޭންޑް އަތުން އާސެނަލް މޮޅުވެއްޖެއެވެ.

ސަންޑަލޭންޑްގެ ސްޓޭޑިއަމް އޮފް ލައިޓްގައި ކުޅުނު ފޯރިގަދަ އިނގިރޭސި ޕްރިމިއަރ ލީގު މެޗުގައި ސަންޗޭޒް އަދި ޖިރޫ މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރި އިރު، މެޗުގެ 17 ވަނަ މިނިޓްގައި އާސެނަލްއަށް ލީޑު ނަގައި ދިނީ ސަންޗޭޒެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އެލެކްސް އޮކްސްލޭޑް-ޗެމްބަލޭން ސަންޑަލޭންޑް ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ޖަހައި ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.

ސަންޑަލޭންޑާއި އާސެނަލް ކުޅުނު މެޗުގެ ތެރޭން. ސަންޗޭޒް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: ދަގާޑިއަން

އާސެނަލުން ކޮންޓްރޯލްކުރަމުން ދިޔަ މެޗުގެ ދެވަނަ ހާފް އެއްލަނޑުގެ ލީޑަކާއެކު އެޓީމުން ފެށި ނަމަވެސް، ސަންޑަލޭންޑުން ވަނީ، 65 ވަނަ މިނިޓްގައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެޓީމަށް ލަނޑު ޖަހައި ދިނީ، އާސެނަލްގެ ޕެނަލްޓީ އޭރިޔާތެރޭން އެޓީމުގެ ކީޕަރު ޕެޓަރ ޗެކް، ސަންޑަލޭންޑްގެ މިޑްފީލްޑަރު ޑުކާން ވޮޓްމޯއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޖަމެއިން ޑިފޯއެވެ.

ސަންޑަލޭންޑުން ނަތީޖާ ހަމަހަމަކުރި ނަމަވެސް، ކޯޗު އާސެން ވެންގާ އޭނާގެ ޓީމަށް ެގެނައި ބަދަލާއެކު އެޓީމުން ވަނީ، ހަ މިނިޓް 20 ސިކުންތުގެ ތެރޭގައި ތިން ލަނޑުގެ ލީޑެއް ނަގައިފައެވެ.

ސަންޑަލޭންޑާއި އާސެނަލް ކުޅުނު މެޗުގެ ތެރޭން. ޖިރޫ ލަނޑުޖަހަނީ -- ފޮޓޯ: ދަގާޑިއަން

އަނިޔާގެ ސަބަބުން މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު، ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި، އާސެނަލްގެ ފްރާންސް ފޯވާޑް އޮލިވާ ޖިރޫ އެނބުރި ޓީމާ ގުޅުމަށްފަހު ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އާސެނަލަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ޖިރޫ އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ، 71 ވަނަ މިނިޓްގައި ކިއެރަން ގިބްސް ސަންޑަލޭންޑް ޕެނަލްޓީ އޭރިޔާ ތެރެއަށް ފޮނުވާލި ބޯޅަ ވާތުފައިން ޖަހައި ގޯލްގެ މެދުތެރެއަށް ފޮނުވާލައިގެންނެވެ. އޭގެ ފަސް މިނިޓްފަހުން މެސުޓް އޮޒިލް ސަންޑަލޭންޑް ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ޖަހައި ގޯލްތެރެއަށް ފޮނުވާލައިގެން ޖިރޫ ވަނީ ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ.

ސަންޑަލޭންޑާއި އާސެނަލް ކުޅުނު މެޗުގެ ތެރޭން. ސަންޗޭޒް އާސެނަލްގެ ފަހު ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: ދަގާޑިއަން

އާސެނަލްގެ ފަހު ލަނޑު 78 ވަނަ މިނިޓްގައި ސަންޗޭޒް ކާމިޔާބުކުރީ، އާރޮސް ރަމްޒީ، ސަންޑަލޭންޑް ގޯލް އޭރިޔާތެރެއަށް ފޮނުވާލި ބޯޅަ ވަރަށް ރީތިކޮށް ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

މި މޮޅާއެކު އާސެނަލް ވަނީ، މި ސީޒަންގައި މެޗަކުން ބަލިނުވެ 14 މެޗު ހަމަކޮށް، 23 ޕޮއިންޓާއެކު ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފައެވެ.

މި ސީޒަންގައި މިހާތަނަށް އެއްވެސް މެޗަކުން މޮޅުނުވެ، އެންމެ ދެ ޕޮއިންޓާއެކު ލީގު ތާވަލުގެ ފުލުގައި ސަންޑަލޭންޑް އޮތްއިރު، މިރޭގެ ބައްޔާއެކު އެޓީމުގެ ކޯޗު ޑޭވިޑް މޮޔެސްއަށް ވަނީ އިތުރު ޕްރެޝަރުތަކަކާ ކުރިމަތިލާން ޖެހިފައެވެ.