29 Oct 2016, 20:00
މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން މާލޭގައި އެޅުމަށް ހަމަޖެއްސި ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އާ އިމާރާތް ހުޅުމާލޭގައި އެޅުމަށް ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރު އަހްމަދު އައިމަން "ސަން" އަށް މިރޭ ވިދާޅުވީ، ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތް ހުޅުމާލޭގައި އަޅާގޮތަށް ނިންމާފައިވާ ކަމަށާއި، އެކަން އެގޮތަށް ނިންމާފައިވަނީ އެ އިމާރާތް އެޅުމަށް ހުރިހާ ގޮތަކުން ވެސް އެންމެ ރަނގަޅީ ހުޅުމާލޭގައި ކަމަށް ވާތީ ކަމަށެވެ.
"މާލޭގައި އެ އިމާރާތް އެޅުމަށް ވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅީ ހުޅުމާލޭގައި ކަމަށް ވާތީ، އިމާރާތް އަޅާ ފަރާތާ ވާހަކަ ދައްކައިގެން މޫވް ކުރީ،" އައިމަން ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީގެ އިމާރާތް އެޅުން ހުޅުމާލެއަށް ބަދަލުކޮށްފައި މި ވަނީ، މީގެ ކުރިން އެ މިނިސްޓްރީ ހިންގަމުން އައި އިމާރާތްތައް ތަޅާލައި، އެތަނުގެ ބިން ސާފު ކުރި ފަހުންނެވެ.
ފިނޭންސްގެ ޑިރެކްޓަރު އައިމަން ވިދާޅުވީ، އެ ބިމާ މެދު ހަދާނެ ގޮތަކާ މެދު ކަމާ ބެހޭ ފަރާތްތަކުން ދަނީ މަޝްވަރާކުރަމުން ކަމަށެވެ.
އޭނާ ވިދާޅުވީ، އިމާރާތް ހުޅުމާލޭގައި އަޅާގޮތަށް ނިންމި ނަމަވެސް، އެހެން އިމާރާތުގެ ޑިޒައިނާއި އިމާރާތް ނިންމަންޖެހޭ ޑެޑްލައިން ފަދަ އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ހުޅުމާލޭގައި މި އިމާރާތް އަޅާ ބިމުގެ ކަންކަން މިހާރު ދަނީ ހަމަޖައްސަމުން ކަމަށް ވެސް އައިމަން ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީގެ ބިމުގައި އަލަށް ހަދާ 25 ބުރީގެ އިމާރާތުގެ މަސައްކަތް ކުރުމަށް މެލޭޝިއާގެ "ޑަބްލިޔް ޒެޑް އާރު ޕުރޮޕަޓީ" އާ ހަވާލުކޮށްފައި ވަނީ މިއަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހުއެވެ.
ފިނޭންސް މިނިސްޓްރީ މިހާރު ހުރި ބިމުގައި 25 ބުރިއަށް ހަދާ 32500 އަކަފޫޓުގެ އެ އިމާރާތަކީ ކޮންޓެކްޓަރު ފައިނޭންސްކުރާ ގޮތަށް އިމާރާތްކުރާ 123 މިލިއަން ޑޮލަރުގެ އިމާރާތެކެވެ. އެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައި ވަނީ 36 މަސް ނުވަތަ ތިން އަހަރު ތެރޭގައެވެ.
ކޮންޓެކްޓަރު ފައިނޭންސް ކުރާ ގޮތަށް އިމާރާތްކުރާ އެ އިމާރާތަށް ސަރުކާރުން އެކޮންޓްރެކްޓަރަށް ފައިސާ ދެއްކުމަށް 23 އަހަރު ލިބޭނެ ކަމަށް މީގެ ކުރިން ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.