އެސްޓީއޯ ސުޕަރމާޓުން އިމްޕޯޓުކުރާ ތުރުކީގެ "އަންކާރާ" ބްރޭންޑްގެ ޕާސްތާ ޕްރޮމޯޓު ކުރުމުގެ މަގްސަދުގައި، އަންނަ ހުކުރު ދުވަހުގެ ރޭ "އަންކާރާ ނައިޓް"ގެ ނަމުގައި ޚާއްސަ ޑިނަރ ނައިޓެއް ބޭއްވުމަށް ނިންމައިފިއެވެ.

އެސްޓީއޯ ސުޕަމާޓުން ވިއްކާ "އަންކާރާ" ބްރޭންޑުގެ ބްރޭންޑް މެނޭޖަރު ފާތިމަތު ފަނާޒާ "ސަން" އަށް ވިދާޅުވީ، "އަންކާރާ ނައިޓް" ކުރިޔަށް ގެންދަނީ ބުރުޒު ކޭޓަރިންގްއާ ގުޅިގެން ކަމަށާއި، މި ހަރަކާތުގައި އާންމުންނަށް ހިލޭ ބައިވެރިވެވޭނެ ކަމަށެވެ.

"މިއީ އާންމުންނަށް ހުޅުވާލައިގެން ގެންދާ ޑިނަރ ނައިޓެއް. ވަޑައިގަންނަވާ އެންމެންނަށް ވެސް ޕާސްތާ ރަހަ ބަލާލުމުގެ ފުރުސަތު އޮންނާނެ،"

އަންކާރާ ޕާސްތާގެ ރަހަތައް ހިލޭ ބަލާލުމުގެ ފުރުސަތު ލިބޭ އިރު، ޕާސްތާ ހަދާ މަންޒަރު ލައިވް ކުކިންގްގެ ގޮތުގައި ވެސް ބަލާލުމުގެ ފުރުސަތު މި ހަރަކާތުން ފަހިވާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

ފަނާޒާ ވިދާޅުވީ، "އަންކާރާ ނައިޓް"ގެ ހަރަކާތުގެ ތެރޭގައި، އެތަނަށް ޒިޔާރަތްކުރާ ކޮންމެ ފަރާތަކަށް ވެސް ގުޅިއަކުން ގަނޑުކޮޅެއް ނަގައިގެން، އެސްޓީއޯ ސުޕަމާޓުން ވިއްކާ ކޮންމެވެސް ޕްރޮޑަކްޓެއް އިނާމެއްގެ ގޮތުގައި ލިބުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

މިއުޒިކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަކާ އެކު އެސްޓީއޯ ސުޕަމާޓުގެ "އަންކާރާ ނައިޓް" އޮންނާނީ ނޮވެމްބަރު ހަތަރެއް ވާ ހުކުރު ދުވަހުގެ ރޭ 8:00 އިން 10:00 އަށް، ހެންވޭރު އާޓިފިޝަލް ބީޗުގައެވެ.

ތުރުކީއިން އިމްޕޯޓުކޮށް، އެސްޓީއޯ ސުޕަމާޓުން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާއަކީ ތުރުކީގައި އެންމެ މަގުބޫލު ޕާސްތާ ބްރޭންޑެވެ. އަންކާރާ ބްރޭންޑްގެ ޕާސްތާގެ ކްލެސިކް ރޭންޖާއި ވިޓަމިން ރޭންޖުގެ ގިނަ ވެރައިޓީތަކެއްގެ ޕާސްތާ، އެސްޓީއޯ ސުޕަމާޓުން ލިބެން ހުރެއެވެ.