29 Oct 2016, 18:27
އަންނަ އަހަރު ބާއްވާ "އިސްލާމިކް ފެއާ"އަކީ ސަރަހައްދީ ފެންވަރެއްގައި ބާއްވާ ފެއާއަކަށް ހެދުމަކީ ބޮޑު އުއްމީދެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެ އެވެ.
ކޮންމެ އަހަރަކު ވެސް އިސްލާމިކް މިނިސްޓްރީން ބާއްވަމުން އަންނަ "އިސްލާމިކް ފެއާ" ފެށުމަށް މިއަދު އިސްލާމީ މަރުކަޒު މައިދާނުގައި ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އިސްލާމިކް ފެއާއަކީ މީގެ ކުރިން ހަމައެކަނި އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތައް ހާމަކުރުމަށް ބާއްވާ ފެއާއެއް ކަމަށެވެ.
ނަމަވެސް، މީގެ ކުރީ އަހަރުތަކަށްވުރެ މިއަހަރުގެ ފެއާ ފުޅާކޮށް މިއަހަރުގެ ފެއާގައި ތައުލީމާއި ތަރުބިއްޔަތާއި، ސަގާފަތާއި ދީން ކުރިއެރުވުމަށްޓަކައި މަސައްކަތްކުރާ ސަރުކާރުގެ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ވެސް ބައިވެރިވާ ކަމަށެވެ.
"މިކަމުން ހާމަކޮށްދެނީ ދިވެހި ރައްޔިތުން އިސްލާމްދީނާ ދޭތެރޭ ވިސްނާ ވިސްނުން ފުޅާވެ ތަރައްގީ ވަމުންދާކަން، ... މިއަހަރުގެ ފެއާ ހުޅުވަނީ މިއަންނަ އަހަރު ސަރަހައްދީ ފެންވަރެއްގައި ސާކް ފެންވަރެއްގެ އިސްލާމީ ފެއާއެއް ބޭއްވުމަށް ބޮޑު އުއްމީދަކާއެކުގައި،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަހަރުގެ އިސްލާމިކް ފެއާ ކުރިއަށްދާނީ އިސްލާމީ މަރުކަޒުގެ ހޯލާއި އިސްލާމީ މަރުކަޒު މައިދާން ހިމެނޭ ސަރަހައްދުގައި މިއަދުން ފެށިގެން ތިން ދުވަހަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އަށެވެ.
އަދި އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ފެއާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، ފެއާގައި ސަރުކާރު ކުންފުނިތަކާއި ޔުނިވަރސިޓީތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ބުކްޝޮޕް ތަކާއެކު 30 ސްޓޯލެއް ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން، މިއަހަރުގެ ފެއާގައި ރާއްޖޭގެ އިސްލާމީ ތާރީހް ދައްކުވައިދޭ އާޓް ގެލެރީއަކާއި ކުޑަކުދިންނަށް ހާއްސަކޮށްގެން ސްޓޭޖް ހަރަކާތްތަކާއި ގޭމް ހަރަކާތްތަށް ކުރިއަށްދާނެ އެވެ.