ދިވެހީންގެ މެދުގައި ސިޔާސީ ގޮތުން ކިތަންމެ ވަރަކަށް ހިޔާލު ތަފާތުވެ އެކަމުގެ ތެރެއަށް ގަރަގުވެގެންދާނޭ ހިތްވަރު ހުރިނަމަވެސް، މި ފަސްގަނޑުގައި އިސްލާމްދީނަށް ގޮންޖެހުމަކަށް ދިވެހި އެއްވެސް ފަރުދަކު ފުރުސަތު ނުދޭނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "އިސްލާމިކް ފެއާ" ފައްޓަވައިދެއްވުމަށް މިއަދު އިސްލާމީ މަރުކަޒު މައިދާނުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހީންނަކީ އިސްލާމްދީން ދެކެ ވަރަށް ލޯބިވާ، އިސްލާމްދީން ފެތުރުއްވުމަށް މަސައްކަތްކުރަމުންދާ ބައެއްކަމަށެވެ.

އެގޮތުން ސިޔާސީ ކަންތައްތަކުގައި ހިޔާލު ތަފާތުވެ އެކަންތައްތައް ބަލައިގަތުމުގެ ހިތްވަރު ދިވެހިންގެ ކިބައިގައި ހުރިނަމަވެސް، ރާއްޖޭގައި އިސްލާމްދީނަށް ގޮންޖެހުމަކަށް އެއްވެސް ދިވެއްސަކު ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން ކިތަންމެ ބޮޑު ހިޔާލު ތަފާތުވުމެއް އޮތް ކަމުގައި ވީނަމަވެސް، އެކަމެއް ހައްލުކުރުމުގައި މަޝްވަރާކޮށް ވާހަކަދައްކައި އެކަންކަމުގެ ތެރެއަށް ގަރަގުވެގެން ދެވޭނެ ފަދަ ހިތްވަރުހުރޭ. އެހެންނަމަވެސް ޒަމީރު ގަބޫލުކުރާ ގޮތުގައި އިސްލާމްދީނަށް ގޮންޖެހުމަކަށް މި ފަސްގަނޑަކުން އެއްވެސް ދަރިއަކު ފުރުސަތެއް ނުދޭނެކަން ގަބޫލުކުރަންޖެހޭ،" މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ދީން ދަސްކުރުމަށް ޝައުގުވެރިވާ މީހުން ވެސް އެއްދުވަހުން އަނެއް ދުވަހަށް ރާއްޖޭގައި އިތުރުވަމުންދާ ކަމަށެވެ.

"އަމިއްލަ ގޮތުން މަސައްކަތްކުރާ އެތައް ކުންފުންޏެއް އެތައް ޖަމާއަތްތަކެއް އިސްލާމް ދީން ފެތުރުއްވުމަށް މަސައްކަތްކުރަމުންދާކަމީ މުސްލިމުންގެ ތެރޭގައި ރާއްޖެ މަޝްހޫރުވެ އިސްލާމްދީނަށް ވަރަށް ބޮޑަށް މަސައްކަތްކުރާ ގައުމެއްގެ ގޮތުގައި ފާހަގަ ވެގެންދޭ،" މިނިސްޓަރު ވިދާޅުވި އެވެ.