ކޮންމެ އަހަރަކު ވެސް އިސްލާމިކް މިނިސްޓްރީން ބާއްވަމުން އަންނަ "އިސްލާމިކް ފެއާ"، ބޮޑެތި ބަދަލުތަކަކާއެކު މިއަދު ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ފޯރުކޮށްދޭ ދީނީ ކަންތައްތަކާމެދު ހޭލުންތެރިކަން އިތުރުކޮށް މުޖުތަމައުގެ އެއްބައިވަންތަކަން އާލާކުރުމަށް ބާއްވަމުން އަންނަ އެ ފެއާ ފައްޓަވައިދެއްވީ، އިސްލާމީ މަރުކަޒު މައިދާންގައި މިއަދު ބޭއްވި ހަފްލާއެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝަރަފްވެރި މެހްމާން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވާއިރު، ދީން ދަސްކުރުމަށް ޝައުގުވެރިވާ މީހުން ވެސް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމަށެވެ.

"އަމިއްލަ ގޮތުން މަސައްކަތްކުރާ އެތައް ކުންފުންޏެއް އެތައް ޖަމާއަތްތަކެއް އިސްލާމް ދީން ފެތުރުއްވުމަށް މަސައްކަތްކުރަމުންދާކަމީ މުސްލިމުންގެ ތެރޭގައި ރާއްޖެ މަޝްހޫރުވެ އިސްލާމްދީނަށް ވަރަށް ބޮޑަށް މަސައްކަތްކުރާ ގައުމެއްގެ ގޮތުގައި ފާހަގަ ވެގެންދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ދެހާސްއެގާރަ ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އިސްލާމިކް ފެއާ ކުރިން ބާއްވާފައިވަނީ ހަމައެކަނި އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތައް ހާމަކުރުމުގެ ގޮތުންނެވެ.

ނަމަވެސް މިއަހަރުގެ ފެއާގައި ތައުލީމާއި ތަރުބިއްޔަތަކާ، ސަގާފަތާއި ދީން ކުރިއެރުވުމަށްޓަކައި މަސައްކަތްކުރާ ސަރުކާރުގެ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ވެސް ބައިވެރިވެ އެވެ.

އެގޮތުން، އިސްލާމީ މަރުކަޒުގެ ހޯލާއި އިސްލާމީ މަރުކަޒު މައިދާން ހިމެނޭ ސަރަހައްދުގައި މިއަދުން ފެށިގެން ތިން ދުވަހަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ ފެއާގައި ސަރުކާރު ކުންފުނިތަކާއި ޔުނިވަރސިޓީތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ބުކްޝޮޕް ތަކާއެކު 30 ސްޓޯލެއް ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

މެއިން ސްޕޮންސަރެއްގެ ގޮތުގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އަދި ކޯ ސްޕޮންސަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ މިއަހަރުގެ ފެއާގައި ސަރުކާރުގެ މުއައްސާތަކުގެ ތެރޭގައި މީރާ، ކީރިތި ގުރުއާނާ ބެހޭ މަރުކަޒް، މޯލްޑިވްސް ޕޮލިސް ސާވިސް އަދި އެމްއެންޑީއެފް ބައިވެރިވެ އެވެ.

އަދި ޖަމިއްޔާތަކުގެ ތެރެއިން ޖަމިއްޔަތުއް ސަލަފާއި އިސްލާމިކް ފައުންޑޭޝަން ހިމެނޭއިރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއި އިސްލާމިކް ޔުނިވަރސިޓީ ވެސް ހިމެނެއެވެ. ބުކްޝޮޕް ތަކުގެ ތެރެއިން ފެއާގައި ދަގަތަ، އަސްރަފީ އަދި ނޮވެލްޓީ ބައިވެރިވާއިރު، މެސެޖް އޮފް އިސްލާމުންވެސް މިއަހަރުގެ ފެއާގައި ބައިވެރިވެ އެވެ.

މީގެ އިތުރުން، އިސްލާމިކް މިނިސްޓްރީން ބަލަހައްޓަމުންދާ ދީނީ ފަންޑާއި ވަގުފް ފަންޑުގެ ފަންޑު ފޮށިތައް ފެއާގެ ތެރޭގައި ބަހައްޓާފައިވާއިރު، ފަންޑުތަކަށް އެހީވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

މިއަހަރުގެ ފެއާގައި ރާއްޖޭގެ އިސްލާމީ ތާރީހް ދައްކުވައިދޭ އާޓް ގެލެރީއަކާއި ކުޑަކުދިންނަށް ހާއްސަކޮށްގެން ސްޓޭޖް ހަރަކާތްތަކާއި ގޭމް ހަރަކާތްތަށް ކުރިއަށްދާނެ އެވެ.