29 Oct 2016, 17:14
އަހަރު ދުވަހަށް ކުރިޔަށް ގެންދިޔަ މަރާމާތުގެ ބޮޑެތި މަސައްކަތްތަކަކަށް ފަހު، ކަނުހުރާ މޯލްޑިވްސް ރިސޯޓު ކުރިޔަށް އޮތް ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވުމަށް ތައްޔާރުވަމުން އެބަ ދެއެވެ.
ކަނުހުރާ މޯލްޑިވްސްއަކީ މޮރިޝަސްގެ ސަން ރިސޯޓްސް ހޮޓެލް ގްރޫޕުން ހިންގާ ރިސޯޓެކެވެ. ސަން ރިސޯޓްސް ގްރޫޕުން ރާއްޖޭގައި ކަނުހުރާގެ އިތުރުން މޮރިޝަސްގައި ފަސް ރިސޯޓެއް ހިންގަމުން ދެއެވެ.
ކަނުހުރާއިން ބުނެފައިވާ ގޮތުން، މަރާމާތުތަކަށް އެ ރިސޯޓު އެއް އަހަރު ދުވަހުގެ މުއްދަތަކަށް ބަންދުކުރީ މެދުނުކެނޑި ޚިދުމަތް ދެމުން އައިތާ 15 އަހަރު ފަހުން، މިދިޔަ އަހަރުގެ އޯގަސްޓް މަސް ފެށުމާ އެކުގައެވެ. އެ ރިސޯޓު ހުޅުވީ 1999 ވަނަ އަހަރުއެވެ.
ކަނުހުރާ މޯލްޑިވްސްއިން ބުނީ އެ ރިސޯޓު ތާޒާކޮށްލައި، ބޮޑެތި މަރާމާތުތަކެއް ކުރުމަށްފަހު މިއަހަރުގެ ޑިސެމްބަރު އެއްވަނަ ދުވަހު އެ ރިސޯޓު އަލުން ހުޅުވާނެ ކަމަށެވެ. އެހެން ނަމަވެސް މި މަރާމާތުތަކާ އެކު ރިސޯޓަށް އަންނަ ބަދަލުތަކެއް ކަނުހުރާއިން ހާމަކޮށްފައެއް ނުވެއެވެ.
ޅ. އަތޮޅު ކަނުހުރާގައި ހިންގަމުން އަންނަ މި ރިސޯޓުގައި 94 ވިލާއާއި ސުއިޓްސް ހުންނަ އިރު، ސްޕާއަކާއި ވެލްނެސް ސެންޓަރެއްގެ އިތުރުން ބެރިން ބަޔޮލޮޖީ ރިސާޗް ސެންޓަރެއް ވެސް ހުރެއެވެ.
މީގެ އިތުރުން ކަނުހުރާއާ ޖެހިގެން އޮންނަ ފަޅުރަށެއް ކަމުގައިވާ ޖެހުނުހުރާއަށް ދިއުމާއި، އެތަނުގައި ސްޕާގެ ޚިދުމަތާއި ޔޯގާ ނުވަތަ މެންދުރާއި ރޭގަނޑުގެ ކެއުމުގެ އިންތިޒާމުވެސް، ކަނުހުރާގެ ގެސްޓުންނަށް ހަމަޖައްސައިދެވޭނެ ކަމަށް ކަނުހުރާ ރިސޯޓުން ބުނެއެވެ.