29 Oct 2016, 17:11
އަހަރުގެ ތިން ވަނަ ކުއާޓަރުގެ ނިޔަލަށް، ދުނިޔޭގެ އެންމެ ބާރު ގަދަ އެއް ގައުމުކަމަށްވާ އެމެރިކާގެ އިގްތިސާދު 2.9 ޕަސެންޓު ކުރިއަރައިފި އެވެ.
ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެމެރިކާގެ އިގްތިސާދު 2.9 ޕަސެންޓު ކުރިއަރާފައިވާއިރު މިއީ ފާއިތުވި ދެ އަހަރުގެ ތެރޭގައިވެސް އެންމެ ހަލުވިކަމާ އެކު އެގައުމުގެ އިގްތިސާދު ކުރިއަރައިދިޔަ ކުއާޓަރެވެ.
މިއަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް އެގައުމުގެ އިގްތިސާދީ ކުރިއެރުން ހުރީ 1.4 ޕަސެންޓުގައެވެ. ތިން ވަނަ ކުއާޓަރަށް، އިގްތިސާދީ ކުރިއެރުން ލަފާ ކުރީ 2.7 ޕަސެންޓަށެވެ.
ލަފާ ކުރި މިންވަރަށްވުރެ އެގައުމުގެ އިގްތިސާދު ކުރިއަރައި ގޮސްފައިވުމާ ގުޅިގެން އެމެރިކާގެ މަރުކަޒީ ބޭންކު، ފެޑެރަލް ރިޒާވްއިން އިންޓްރެސްޓް ރޭޓުތައް މަތި ކުރާނެ ކަމަށް ބެލެވެއެވެ.
އެމެރިކާއަކީ ދުނިޔޭގެ އެކްސްޗޭންޖް މާކެޓުގައި ބޮޑު ދައުރެއް އަދާ ކުރާ ގައުމެކެވެ. އެގައުމުގެ ރަސްމީ ފައިސާ، ޔޫއެސް ޑޮލަރަކީ ބައިނަލް އަގުވާމީ ގޮތުން ހުރިހާ ގައުމެއްގައިވެސް ބަލައިގަންނަ ފައިސާ އެކެވެ.