ނިއު ދިއްލީ (އޮކްޓޯބަރު 29): އިންޑިއާގެ ދީނީ އިލްމުވެރިޔާ ޑރ. ޒާކިރު ނައިކުގެ އެންޖީއޯ އިސްލާމިކް ރިސާޗް ފައުންޑޭޝަން (އައިއާރުއެފް) އަކީ ގާނޫނާ ހިލާފު ޖަމްއިއްޔާއެއް ކަމަށް ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފި އެވެ.

ކަމާ ބެހޭ އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުގައިވާ ގޮތުން އައިއާރުއެފްއަކީ ގާނޫނާ ހިލާފު ޖަމްއިއްޔާއެއް ކަމަށް ކަނޑައެޅުމަށް އެދި އެގައުމުގެ ހޯމް މިނިސްޓްރީން ވަރަށް އަވަހަށް އެމައްސަލަ ކެބިނެޓަށް ހުށަހަޅާނެ އެވެ.

ހޯމް މިނިސްޓްރީން އެފަދައިން އަމަލު ކުރަން ނިންމާފައިވާ ވަނީ އެމިނިސްޓްރީން ކުރިއަށް ގެންދިޔަ ތަހުގީގުން އައިއާރުއެފް އާއި ޒާކިރު ނައިކުގެ ޕީސްޓީވީގެ ފަންޑިންއާ ޝައްކު ކުރެވޭ ގުޅުންތަކެއް އޮތުމުން ކަމަށް އޮފިޝަލުން ބުންޏެވެ. އަދި ޕީސްޓީވީ މެދުވެރިކޮށް ޒާކިރު ނައިކު ވަނީ ހަމަނުޖެހުމަށް މަގުފަހިވާ ފަދަ ތަގުރީރުތައް ދެއްވާފައި ކަމަށް ހޯމް މިނިސްޓްރީން ކެބިނެޓަށް ހުށަހަޅާ ޑްރާފްޓުގައި ވާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.

މިއަހަރުގެ ޖުލައި މަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ކެފޭއަކަށް ވަދެ، 20 މީހަކު މަރާލި ދެމީހުންނަށް އެކަން ކުރުމަށް ހިތްވަރު ލިބުނީ ޒާކިރު ނައިކުގެ ފަރާތުން ކަމަށް އިންޑިއާއިން ވަނީ ޕީސްޓީވީ ދެއްކުން މަނާކޮށް، އައިއާރުއެފް ތަހުގީގު ކުރަން ފަށާފަ އެވެ. އަދި އިންޑިއާ ފުލުހުން ވަނީ ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ޒާކިރު ނައިކް ވާހަކަ ދައްކަވާ ކަމަށް ބުނެ މައްސަލަތަކެއް ރެޖިސްޓާ ކޮށްފަ އެވެ.

ސައުދީ އަަރަބިއާގައި މިހާރު ހުންނެވި ޒާކިރު ނައިކް މިއަހަރު އިންޑިއާއަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައި ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެ އެވެ. (އެންޑީޓީވީ)