29 Oct 2016, 14:31
ކަމެއް ހާސިލްކުރުމަށް ނުވަތަ ބޭނުންވާ އެއްޗެއް ހޯދުމަށް ގަދަ އަޅާ މަސައްކަތްކުރުމަކީ ބައެއް މީހުންގެ އަޒުމެކެވެ. އެކަމެއް ހާސިލްކުރުމަށް ކޮންމެ ފަދަ ކަމެއް ކުރަން ވެސް ބައެއް މީހުން ފަހެއް ނުޖެހޭނެ އެވެ.
އެގޮތުން ޔުކްރެއިންގެ މީހަކު މިވަނީ އައިފޯން 7ގެ ބޭނުމުގައި އޭނާގެ ނަން ބަދަލުކޮށްފަ އެވެ. މިހާރު އޭނާގެ ނަމަކީ "އައިފޯން ސިމް (ސެވަން)" އެވެ.
އުމުރުން 20 އަހަރުގެ އޮލެކްސްޒެންޑާ ޓުރިން އޭނާގެ ނަން ބަދަލުކޮށްފައި ވަނީ އިލެކްޓްރޯނިކް ސާމާނު ވިއްކާ ފިހާރައަކުން "އައިފޯން 7" އަށް ނަން ބަދަލުކުރާ ފުރަތަމަ ފަސް މީހުންނަށް އެ ފިހާރައިން ހިލޭ "އައިފޯން 7" އެއްދޭން ނިންމުމުންނެވެ.
އޭނާއަށް މިހާރު އިނާމެއްގެ ގޮތުގައި އައިފޯން ހަތެއް ލިބުނު ނަމަވެސް، އެ ނަމުގައި އަބަދު އުޅޭކަށް ސިމް ގަސްދެއްނުކުރެ އެވެ.
ސިމް ބުނީ، މީހަކާ އިނދެ ކުދިން ލިބުމުން ނަން އަނބުރާ އަސްލު ނަމަށް ބަދަލުކުރާނެ ކަމަށެވެ. އަދި އޭނާގެ ނަން ބަދަލުކުރަން ނިންމުމަށް އާއިލާއިންނާއި ރަހްމަތްތެރިން ކުރިން ދެކޮޅު ހެދި ނަމަވެސް، މިހާރު އެކަމަށް ތާއީދު ކުރާ ކަމަށް އޭނާ ބުންޏެވެ.
މައުލޫމާތު: އޭޕީ