29 Oct 2016, 13:25
އާޖެންޓީނާ އަދި ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީ އަކީ އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހުނަރުވެރިއެކެވެ. އަންހެނެއް ފިރިހެނެއް ނެތެވެ. ދިވެހިންގެ ތެރޭގައި ވެސް އެކަން އޮތީ އެހެންނެވެ. މުއާސަލާތީ ކުންފުނި އުރީދޫގެ އެހީތެރިކަމާ އެކު އެނަސީބް އަނެއްކާ ވެސް މިވަނީ ދިވެއްސަކަށް ލިބިފަ އެވެ.
އުރީދޫގެ ގްލޯބަލް ބްރޭންޑް އެމްބެސެޑާ ލިއޮނެލް މެސީއާ ބައްދަލުކޮށް އެކުގައި ފޮޓޯ ނަގާމުގެ ފުރުސަތު މިފަހަރު ލިބުނު ދިވެއްސަކީ އަބްދުﷲ ޔައުގޫބެވެ.
އިއްޔެ މެސީ އާއި ބައްދަލުކުރުމަށް ފަހު ޔައުގޫބު ބުނީ "ދުނިޔޭގެ އެންމެ މޮޅު ފުޓްބޯލަ ކުޅުންތެރިޔާއާ ބައްދަލުވުމަކީ އޭނާގެ ހުވަފެނެއް ހަގީގަތަކަށް ވުން" ކަމަށެވެ.
އުރީދޫއިން ވަނީ ޔައުގޫބު ސުޕެއިންގެ ބާސެލޯއާއަށް ގެންގޮސް އުފާވެރި ދަތުރެއްގެ އެތައް އިންތިޒާމެއް ހަމަޖައްސާ ދީފަ އެވެ.
ޔައުގޫބަށް އެ ފުރުސަތު ލިބުނީ އުރީދޫއިން ކުރިއަށްގެންދިޔަ "ސްޓޭންޑް ފޯ ގުޑް" ކެމްޕެއިން އިން ހޮވިގެންނެވެ. އެކި ކޮންޓިނެްޓްތަކުން ވަނީ މެސީއާއި ބައްދަލު ކުރުމަށް މީހުންގޮސްފަ އެވެ.
ލިއޮނަލް މެސީއާ އެކު އުރީދޫ އިން މީގެ ކުރިން ވަނީ "ސިމްޕްލީ ޑޫ ވޮންޑަޒް"ގެ ނަމުގައި އެޑްވަޓައިސިންގް ކެމްޕެއިނެއް ބައިނަލްއަގްވާމީ ފެންވަރުގައި ކުރިއަށްގެންގޮސްފަ އެވެ. އެ ކެމްޕޭނަށް ބައިނަލްއަގުވާމީ ފެންވަރުގެ އެވޯޑްތަކެއް ވަނީ ލިބިފަ އެވެ.