30 Oct 2016, 08:26
މުރަނގަ ތޮޅި އަކީ އާއްމު ގޮތެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ވެސް ފަސޭހަކަމާ އެކު ލިބޭ އަދި ކޮންމެ ތަނެއްގައި ވެސް ފަސޭހަކަމާ އެކު ހެއްދިދާނެ އެއްޗެކެވެ. ކާލަން މީރު މި ތަރުކާރީ އަކީ ސިއްހީ ގޮތުން ބަލާއިރު ހަށިގަނޑަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ.
ސިއްހީ ފައިދާގެ އިތުރުން މުރަނގަތޮޅި އަކީ ބައެއް ބަލިތަކުން ރައްކާތެރި ކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. މި ލިޔުމުގައި މި ބަލައިލަނީ މުރަނގަތޮޅިން ލިއްބައިދޭ ފައިދާތަކަށެވެ.
1. ރޯގާ ޖެހުމާއި ހުމުން ދުރުކޮށްދޭ
މުރަނގަތޮޅީގައި ވިޓަމިން ސީ ހުންނަ މިންވަރު ވަރަށް މައްޗެވެ. އެހެންކަމުން ހުން އައިސް ކަރުގައި ރިއްސާ ނަމަ މުރަނގަތޮޅި ސޫޕް ބުއިމުން ވަރަށް އަވަހަށް ލުއިކަން އިހުސާސް ކުރެވޭނެ އެވެ. މުރަނގަތޮޅީގެ އިތުރުން މުރަނގަ ފަތު ސޫޕަކީ ވެސް ނޭވާ ހިއްލުމުގެ އިތުރުން ނޭވާލާ ނިޒާމަށް ދިމާވާ އެހެނިހެން މައްސަލަތަކަށް ފަރުވާ އެވެ.
2. ކަށި ވަރުގަދަ ކޮށްދޭ
މުރަނގަތޮޅީގައި ދަގަނޑުގެ މާއްދާ އާއި ވިޓަމިން އަދި ކެލްސިއަމް ވަރަށް ގިނައިން އެކުލެވެ އެވެ. އެހެންކަމުން ގިނައިން މުރަނގަތޮޅި ކެއުމަކީ ކަށީ ވަރުގަދަކޮށްދީ ލޭ ސާފުކޮށްދޭ ކަމެކެވެ.
3. އިންފެކްޝަން ތަކުން ދުރުކޮށްދޭ
މުރަނގަތޮޅީގައި ހުންނަ އެންޓި ބެކްޓީރިއަލް މާއްދާގެ ސަބަބުން ކަރު ތެރެއާއި، ފުއްޕާމޭ އަދި ހަމަށް ދިމާވާ އިންފެކްޝަން ތަކުން ދުރުކޮށްދެ އެވެ.
4. ލޮލުގެ ފެނުން ރަނގަޅުކޮށްދޭ
މުރަނގަތޮޅި ކެއުމުގެ ސަބަބުން ލޮލުގެ ރެޓިނާގައި އުފެދޭ ވިހަ މާއްދާތައް ނައްތާލައި ލޮލުގެ ފެނުން އިތުރުކޮށްދެ އެވެ.
5. ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ
ގަވާއިދުން މުރަނގަތޮޅި އަދި މުރަނގަ ފަތް ބޭނުން ކުރާނަމަ ކެންސަރު ޖެހުމުގެ ފުރުސަތު 80 ޕަސެންޓު ކުޑަކޮށްދެ އެވެ. އަދި އުރަމަތީގެ ކެންސަރުގެ ޝިކާރައަކަށް ވެފައި ތިބި އަންހެނުން ގިނައިން މުރަނގަތޮޅި ބޭނުން ކުރުމަކީ ރަނގަޅު ކަމެކެވެ.
6. ހަންގަނޑު ރީތިކޮށްދޭ
މުރަނގަތޮޅީގެ ދިޔައަކީ ހަންގަނޑު އޮމާންކޮށް ރީތިކޮށްދޭ އެއްޗެކެވެ. މުރަނގަތޮޅި ދިޔަ އަދި ލުނބޯ ހުތް އެއްކޮށްލައިގެން ޕޭސްޓެއް ތައްޔާރުކޮށް މޫނުގައި އުނގުޅުމަކީ ބިހި ނެގުން މަދުކޮށްދީ ލަކުނު ފިލުވުމަށް އެހީތެރިވެދޭ އެއްޗެކެވެ.