11 Jun 2011, 14:35
ސ. ގަމުގައި ހިންގަމުންދިޔަ ސެލޫނެއްގައި ހަށިވިއްކިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ތައިލެންޑުގެ ދެ އަންހެނުންނާއި ދިވެހި ދެ ފިރިހެނުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރި ދެ ފިރިހެނުންގެ ތެރޭގައި ހިމެނެނީ މަރަދޫއަށް ނިސްބަތްވާ މުހައްމަދު ނަޒީރު ކިޔާ މީހަކާއި އެ ސެލޫންގެ ވެރިފަރާތް ކަމުގައިވާ މަރަދޫ ދިލްކަޝް، ފައިސަލް އިބްރާހިމް އެވެ.
ނަމަވެސް، ފުލުހުން އެކަން ކަށަވަރުކޮށެއް ނުދެ އެވެ. މައްސަލަ ތަހުގީގުކުރަމުންދާތީ އިތުރު ތަފްސީލު ދެވެން ނެތް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ނަމަވެސް، މިހާތަނަށް އައިއިރު ސެލޫން ހިންގުމަށް ދޫކޮށްފައިވާ ހުއްދަ ހައްޔަރުކުރި މީހުންނަށް ދެއްކިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައިގެ ތަހުގީގު ނިމެންދެން ހަައްޔަރުކުރި ބިދޭސީން މާލެ ފޮނުވާލުމަށް އަދި ހަމަޖެހިފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ައައްޑޫގައި ހަށިވިއްކާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރެ އެވެ.
ސަން އަށް ވަރަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ގަމުން ހައްޔަރުކުރި އެމީހުން ހައްޔަރުކޮށްފައި ވަނީ އެ ސެލޫނެއްގެ ތެރޭގައި ބަދުއަހުލާގީ އަމަލު ހިންގަން ތިއްބަ އެވެ. އަދި ފުލުހުން އެމީހުން ހައްޔަރުކުރިއިރު ސެލޫންގެ ކައުންޓަރުގައި އިނީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
އެތަނަކީ ބިއުޓީ ސެލޫނެއް ކަމަށްވިޔަސް، އިމާރާތުގެ ބޭރުގައި ހަރުކޮށްފައިވަނީ މަސާޖުކޮށްދިނުމުގެ އިޝްތިހާރުތަކެވެ. އަދި އެތަނުގެ ފުޅާދާއިރާއެއްގައި ހަށިވިއްކަމުގެ ވިޔަފާރި ހިންގާ ކަމަށް އޮތީ އައްޑޫގައި އަޑުފެތުރިފަ އެވެ.