07 May 2010, 15:19
19:00
ސިވިލް ސާވިސް މުވައްޒަފުންގެ ހަމަ މުސާރަ ސިވިލް ސަރވަންޓުންނަށް ސަރުކާރުން މިއަހަރު ނުދީފިއްޔާ، މުސާރައިން އުނިކޮށްފައިވާބައި ހިމަނައިގެން ހަމަ މުސާރަ ދިނުމަށް އަންނަ އަހަރުގެ ބަޖްޓްގައި ހިމަނުއްވާނެ ކަމަށް ޑީއާރުޕީގެ ލީޑަރ އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ތަސްމީން މިހެން ވިދާޅުވީ ޑީއާރުޕީގެ ސިޔާސީ ޒައާމަތު ބަދަލުވި ފަހުން، އަތޮޅު ތެރޭގައި ބޭއްވި ޑީއާރުޕީގެ ފުރަތަމަ ޖަލްސާގައި، ރޭ، ގއ. ވިލިގިލީގައި ވާހަކަފުޅު ދައްކަވަމުންނެވެ. ތަސްމީންގެ ވާހަކަފުޅުގައި ސިވިލް ސަރވަންޓުންގެ މުސާރައިން އުނިކޮށްފައިވާ ބަޔަކީ ސަރުކާރުން ސިވިލް ސަރވަންޓުންނަށް ދަރާފައިވާ ދަރަންޏެއް ކަމުގައި ވިދާޅުވި އެވެ. އަދި އެ ދަރަނި ސަރުކާރުން އަދާ ކުރަން ޖެހޭނެ ކަމަށްވެސް ޑީއާރުޕީގެ ލީޑަރ އަހްމަދު ތަސްމީން އަލީ ވިދާޅުވި އެވެ.
ތަސްމީންގެ ވާހަކަފުޅުގައި ސިވިލް ސަރވަންޓުންގެ މުސާރައިން އުނިކޮށްފައިވާ ބައި ދޭން ސަރުކާރުން ދެކޮޅު ހަދަމުންދާތީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބްގައި ސަރުކާރަށް ނިސްބަތްވާ ބޭފުޅުންނަށް ވޯޓް ނުދެއްވުމަށް ގޮވާލެއްވި އެވެ.