29 Oct 2016, 12:50
މޮސްކޯ (އޮކްޓޯބަރު 29): ނިއުކްލިއާ ހަނގުރާމައެއްގައި އަމަލު ކުރާނެ ގޮތުގެ ޑްރިލްތައް ރަޝިއާގެ ރައްޔިތުންނަށް ހާއްސަކޮށް އެގައުމުން ކުރިއަށް ގެންގޮސްފި ކަމަށް ރަޝިއާގެ މިނިސްޓްރީ އޮފް އެމާޖެންސީ ސިޓުއޭޝަންސްގެ އޮފިޝަލުން ބުނެފި އެވެ.
އޮފިޝަލުން ލަފާ ކުރާ ގޮތުގައި މި މަހުގެ ކުރީކޮޅު ކުރިއަށް ގެންދިޔަ ހަތަރު ދުވަހުގެ އެޑްރިލްގައި 40 މިލިއަން އާއްމުންނާއި 200،000 ސަލާމަތީ އޮފިޝަލުން ބައިވެރިވެފައިވެ އެވެ.
"މޮސްކޯގެ މުޅި އާބާދީއަށް (ނިއުކްލިއާ ހަމަލާއަކުން) ހިމާޔަތް ދެވޭ ގޮތަށް އެސިޓީގެ އަންޑަގްރައުންޑުގައި ހުންނަ ތަންތަނުގެ ލިސްޓެއް ވަނީ ހަދާފައި،" މިނިސްޓްރީ އޮފް އެމާޖެންސީ ސިޓުއޭޝަންސްގެ ޑެޕިއުޓީ ހެޑް އަންދްރޭ މިޝްޗެންކޯ ވިދާޅުވި އެވެ.
ސީރިއާ ހަނގުރާމައިގައި ރަޝިއާއިން ސީރިއާގެ ރައީސް ބައްޝާރުލް އައްސަދަށް ވާގިވެރިވަމުން ދިޔުމުގެ ސަބަބުން، ސީރިއާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން އެހީވަމުންދާ އެމެރިކާ އާއި ރަޝިއާއާ ދެމެދު ވަނީ ދެބަސްވުން އުފެދިފަ އެވެ.
އަދި ރަޝިއާއިން ދަނީ އެމެރިކާގެ އިންތިހާބަށް ބާރު ފޯރުވަން މަސައްކަތް ކުރަމުން ކަމަށް އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ހިލަރީ ކްލިންޓަން ވިދާޅުވުމާ ގުޅިގެން ވެސް ދެގައުމުގެ ގުޅުމަށް ވަނީ އަސަރުކޮށްފަ އެވެ. (ޑެއިލީއެކްސްޕްރެސް)