29 Oct 2016, 13:03
ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން އަހަރަކު 11 މިލިއަނަށް ވުރެ ގިނަ ސްޓުރޯކް މައްސަލަ ރިޕޯޓްކުރާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.
އިއްޔެ ދުނިޔޭގައި ފާހަގަކުރި ދުނިޔޭގެ ސްޓުރޯކް ދުވަހާ ގުޅިގެން ޑަބްލިއުއެޗްއޯ އިން އާއްމުކުރި ރިޕޯޓުގައި ބުނެފައި ވަނީ، އުމުރު ދުވަހު ތަހައްމަލު ކުރަން ޖެހިދާނެ ފަދަ ނުކުޅެދުންތެރިކަމަކުން ސަލާމަތްވުމަށާއި ފުރާނަ ސަލާމަތްކުރުމަށް ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ސިއްހީ ނިޒާމް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.
"ޑަބްލިއުއެޗްއޯ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ހިމެނޭ އާމްދަނީ މަދު އަދި މެދުފަންތީގެ އާމްދަނީއެއް ލިބޭ ގައުމުތަކުން އަހަރެއްގެ މައްޗަށް 11 މިލިއަން ސްޓުރޯކް މައްސަލަ ރިޕޯޓްކުރޭ. ސްޓުރޯކް ޖެހިގެން އަހަރަކު ހަތަރު މިލިއަން މީހުން މަރުވޭ،" ދެކުނު އިރުމަތީ އޭޝިއާއަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރު ޕޫނަމް ކެތްރަޕާލް ސިންގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސްޓުރޯކް ޖެހި ދުނިޔޭގައި ހުންނަ މީހުންގެ 30 ޕަސެންޓް މީހުންނަކީ ސީރިއަސް ނުކުޅެދުންތެރިކަމެއް ތަހައްމަލުކުރަން ޖެހޭ ބައެއް ކަމަށާއި އަދި ސްޓްރޯކް ޖެހި ރަނގަޅުވާ މީހުންނަށް އިތުރަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ޑަބްލިއުއެޗްއޯ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ބަނގުލަދޭޝް، ބޫޓާން، ކޮރެއާ، އިންޑިއާ، އިންޑޮނޭޝިއާގެ އިތުރުން މިޔަންމާ، ނޭޕާލް، ސްރީލަންކާ އަދި ތައިލޭންޑެވެ.
ސްޓްރޯކް ޖެހުމަކީ ނުވަތަ އެއްފަޅި ވާގިނެތުމަކީ ސިކުނޑިއަށް ލޭ ފޯރުކޮށްދޭ ނާރެއް ބެދުން ނުވަތަ ފަޅައިގެން ދިއުމުގެ ސަބަބުން ސިކުނޑިއަށް ލޭ ލިބުން ދަށްވެ މައްސަލަތައް ކުރިމަތިވުމެވެ. މީގެ ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކުގެ ހަރަކާތް ހުއްޓުން، ހަށިގަނޑުގެ އެއްފަރާތަށް ވާގިނެތޭ ބަލިޖެހުން އަދި ވާހަކަ ނުދެއްކި ހޭނެތިފައި އޮންނަގޮތް ދިމާވެ އެވެ.
ސިންގް ވިދާޅުވީ، ދުނިޔޭގެ ސްޓްރޯކް ދުވަހާ ގުޅިގެން ސްޓްރޯކް ޖެހުމުން ރައްކާތެރިވުމަށާއި އެ ބަލީގެ އަލާމާތްތަކާއި އެކަމަށް ވަގުތުން ފަރުވާ ހޯދުމަށް މީހުން ހޭލުންތެރިކޮށް ދިގު މުއްދަތަކަށް ނުކުޅެދުންތެރިކަމަކަށް ދިއުމަށާއި ފުރާނަ ސަލާމަތްކުރުމަށް ސިއްހީ ނިޒާމު ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.
ސްޓްރޯކް ޖެހުމަށް އެކަމުން ދުރުހެލިވުމުގައި އިހްތިޔާރު ނެތް ކަންތައްތަކެއްވެ އެވެ. އެގޮތުން، އުމުރުން 55 އަހަރު ވުމަށް ފަހު ކޮންމެ 10 އަހަރަކުން ސްޓްރޯކް ޖެހުމުގެ ފުރުސަތު ދެގުނައަށް އިތުރުކުރުވަ އެވެ.
އަންހެނުންނަށް ސްޓްރޯކް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވާއިރު، އުމުރުގެ ކުރީކޮޅު ސްޓްރޯކް ޖެހުން ފަދަ ކަންތައް ކުރިމަތި ކުރުވަ އެވެ. އަންހެނުންނަށް މިފުރުސަތު އިތުރު ވަނީ ގިނަފަހަރު އިއްދައިގެ އުމުރު ފަހަނައަޅާ ދިއުމުންނެވެ. އެއީ އެސްޓްރޯޖިން ގެ މިންވަރު މަދުވެ، ހަށިގަނޑުން ބީވެގެންދާތީ ކަމުގައި ބެލެވެ އެވެ.
ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކޮށް މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ލޭމައްޗަށްދިއުމާއި މާބޮޑަށް ފަލަވުން އަދި ސަރުބީ މަތިވުން ހިމެނެ އެވެ. މީގެ އިތުރުން ހެލިފެލިވެ ނޫޅޭ މީހުންނާއި ހަކުރު ބަލި ހުންނަ މީހުންނަށް ވެސް ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރޭގައި ހިމެނެ އެވެ.