29 Oct 2016, 10:40
ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދެމުންދާ ބެލޮންޑިއޯއެވޯޑު ޕޯޗުގަލްގެ ރެއާލް މެޑްރިޑުގެ ފޯވާޑު ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބެން ޖެހޭ ކަމަށް އެޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.
ޒިދާން ބުނީ ޕޯޗުގަލުން މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ހޯދުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ރޮނާލްޑޯއަށް ކޮންމެހެން ވެސް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބެން ޖެހޭ ކަމަށާއި އޭނާގެ ފަރާތުން މިސީޒަނުގައި އެފަދަ މޮޅު ކުޅުމެއް ފެނިފައިވާ ކަމަށެވެ.
"ރޮނާލްޑޯއަށް މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބެން ޖެހެނީ ހަމައެކަނި އޭނާގެ އަމިއްލަ މޮޅު ކުޅުމުގެ ސަބަބަކުން ނޫން. އަމިއްލަ ހުނަރުގެ އިތުރުން ޓީމެއްގެ ގޮތުގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވޭ،" ޒިދާން ބުންޏެވެ.

ރޮނާލްޑޯ(ކ) އަދި ޒިދާން: ބެލޮންޑިއޯ އެވޯޑަށް އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވެނީ ރޮނާލްޑޯ އާއި މެސީ ----
"ރޮނާލްޑޯގެ ކާމިޔާބީގެ ފަހަތުގައި ވަނީ އޭނާގެ މޮޅު ކުޅުމާ ބުރަ މަސަތްކަތް. ހަމައެއާ އެކު އޭނާއާ އެކު އެއްޓީމަކަށް ކުޅޭ ކުޅުންތެރިންގެ ފަރާތުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދޭ،" ޒިދާން ބުންޏެވެ.
ޒިދާންގެ ނަޒަރުގައި ބެލޯންޑޯ ލިބެން ޖެހޭނީ ރޮނާލްޑޯއަށް ކަމަށް އޭނާ ބުނި ނަމަވެސް މިސީޒަނުގައި ރޮނާލްޑޯގެ ފަރާތުން އަދި ފެންނަނީ ވަރަށް ދަށް ކުޅުމެކެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު އަނިޔާގައި ދުވަސްތަކެއް ހޭދަކޮށް ސީޒަނުގެ ކުރީ ކޮޅުގައި ރޮނާލްޑޯއަށް ވަނީ ރެއާލް ކުޅުނު ދެތިން މެޗެއް ވެސް ގެއްލިފައެވެ.
ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ނަން އިއުލާން ކޮށްފައިވާއިރު އެ އެވޯޑަށް މިފަހަރު ވެސް އެންމެ ބޮޑަށް ވާދަކުރާނީ ތިން ފަހަރު މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވާ ރޮނާލްޑޯ އާއި ފަސް ފަހަރު މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވާ ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީއެވެ.