މެންޗަސްޓާ ޔުނައިޓެޑްގެ ކެޕްޓަން ވޭން ރޫނީ އެޓީމް ދީކޮށް ދާން އުޅޭ ވާހަކަތަކަކީ ދޮގު ޚަބަރުތަކެއް ކަމަށާއި އޭނާ އެއްވެސް ޓީމަކަށް ދާކަށް ނޫޅޭ ކަމަށް އެޓީމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

މޮރީނިއޯ އެ މޭރުމުން ވާހަކަ ދައްކަން ޖެހުނީ މި ސީޒަނުގައި ރޫނީގެ ކުޅުން ދައްވެ ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ޖާގަ ގެއްލި ބެންޗުގައި އިންނަން ޖެހުމުން އެނާ ޓީމްދޫކޮށް ދާން އުޅޭ ވާހަކަތައް އިނގިރޭސި މީޑިއާތަކުން ރިޕޯޓް ކުރުމުންނެވެ.

"ޔުނައިޓެޑްއާ ރޫނީއާ ދެމެދު އެއްވެސް މައްސަލައެއް ނެތް. ނޫސްތަކުން އެދައްކަނީ އެމީހުންގެ ވިޔަފާރިއާ މަސްހޫރުކަން އިތުރުކުރަން ދައްކާ ވާހަކަތަކެއް. އޭގައި އަހަރެންގެ އެއްވެސް މައްސަލައެއް ނެތް،" މޮރީނިއޯ ބުންޏެވެ.

"ރޫނީއަކީ ޔުނައިޓެޑްގެ ކެޕްޓަންގެ އިތުރުން ޓީމުގައި ވެސް މުހިންމު ކުޅުންތެރިއެއް. ރޫނީ ނޫޅޭ އެއްވެސްތާކަށް ދާކަށް. އަހަރެމުންނަށް އޭނާ ވަރަށް ކަމުދޭ. އޭނާއަށް ވެސް އަހަރެމެން ނުލާހިކު ކަމުދޭ،" މޮރީނިއޯ ބުންޏެވެ.

ރޫނީ ޔުނައިޓެޑްގެ ބެންޗުގައި: ފުރަތަމަ 11 އިން ޖާގަ ނުލިބޭތީ އޭނާ ޓީމް ދޫކޮށްލަން އުޅޭ ވާހަކަ ވަނީ ފެތުރިފަ ---

އުމުރުން 31 އަހަރުގެ ރޫނީ އެންމެ ފަހުން ފުރަތަމަ އެގާރައިގައި ހިމެނިގެން ޔުނައިޓެޑަށް މެޗެއް ކުޅެދީފައި ވަނީ މިދިޔަ މަހު 18 ވަނަ ދުވަހު ވެޓްފޯޑް އަތުން 3-1ގެ ނަތީޖާ އަކުން ބަލިވި މެޗުގަ އެވެ. އޭގެ ފަހުން ގިނަ މެޗުތަކެއްގައި ރޫނީ ކުޅެން ނިކުމެފައިވަނީ ދެވަނަ ހާފްގެ ފަހު 10 މިނެޓްގައެވެ. އަދި އެންމެ ފަހުން ޔުނައިޓެޑް ކުޅުނު ދެ މެޗުގައި އަނިޔާގެ ސަބަބުން އޭނާ ނުހިމަނަ އެވެ.

މޮރީނިއޯ ބުނީ ގިނަވަގުތު ބެންޗުގައި ހުންނަށް ޖެހުމުން ރޫނީގެ ފަރާތުން ކޮންމެ ވެސް ވަރެއްގެ ހިތް ހަމަނުޖެހުންތަކެއް ފެނިދާނެ ކަމަށާއި ނަމަވެސް އެއަށްވުރެން ބޮޑަށް ނުތަނަވަސް ވާނީ އަނިޔާގައި ހުންނަން ޖެހުމުން ކަމަށެވެ.

ކުޑަކަޅުވާއަށް ލިބުނު އަނިޔާއެއްގެ ސަބަބުން ހަފްތާއެއް ވަރު ކުޅުމާ ދުރުގައި ހުރުމަށް ފަހު ރޫނީ މިހާރު ވަނީ ފިޓްވެފަ އެވެ.

ރޫނީގެ މިހާރުގެ ޓާގެޓަކަށް ވެފައި ވަނީ ޔުނައިޓެޑަށް އެންމެ ގިނަ ގޯލު ކާމިޔާބްކޮށްދީގެން ރިކޯޑް ގާއިމް ކޮށްފައިވާ ސާރ ބޮބީ ޗާލްޓޮން ހަދާފައިވާ ރިކޯޑް މުގުރާލުމެވެ. ދުއިސައްތަ ސާޅީސް ނުވަ ގޯލު ޖަހައިގެން ބޮބީ ހަދާފައިވާ ރެކޯޑް މުގުރާލުމަށް ރޫނީއަށް ބޭނުންވަނީ އެނެމް ހަތަރު ގޯލެވެ. ނަމަވެސް ފޯމް ގެއްލިފައިވާ ރޫނީއަށް މިސީޒަނުގައި ކާމިޔާބްކުރެވިފައިވަނީ އެންމެ ގޯލެކެވެ.

ލީގްގައި ޔުނައިޓެޑުން މިރޭ 7:00 ޖަހާއިރު ނިކުންނާނީ ބާންލީއާ ދެކޮޅަށެވެ. އެމެޗުގެ ދެވަނަ ހާފްގައި ރޫނީ ފެންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ.