29 Oct 2016, 12:07
އެކްޓަރު ގުރްމީތު ޗޯދްރީގެ ކުރިއަށް އޮތް ފިލްމު 'ވަޖާ ތުމް ހޯ'ގައި ބަތަލާ ސަނާ ޚާން އާ އެކު ކުޅެފައިވާ ގައިގޯޅި މަންޒަރުތަކުގެ ސަބަބުން، ގުރްމީތު އާއި އޭނާގެ އަނބިމީހާ ދެބީނާ ބޮނަރްޖީގެ ގުޅުމަށް ބޮޑު ހީނަރު ކަމެއް އައިސްފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.
ގުރްމީތު އާއި ދެބީނާ ކައިވެނި ކުރީ 2011 ވަނަ އަހަރު އެވެ. ޑާންސް ރިއަލިޓީ ޝޯވ 'ނަޗް ބަލިޔޭ'ގައި ވެސް ބައިވެރިވި ދެމަފިރިންނަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޖޯޑެކެވެ.
ޑްރާމާ ސީރީޒްތަކުން ފެނިގެން ދިޔަ ގުރްމީތު ބޮލީވުޑަށް ތައާރަފްވީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު 'ޚާމޯޝިޔާން' އާ އެކު އެވެ. 'ވަޖާ ތުމް ހޯ' އަކީ ގުރްމީތުގެ ދެވަނަ ފިލްމެވެ.
ގުރްމީތު އަދި ދެބީނާގެ ގާތް މީހަކާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން، ގުރްމީތު އަދި ދެބީނާގެ ދެމެދު މައްސަލަތައް ގިނަވެ ދެމީހުން ދެބަސްވުން ވަނީ އިތުރުވެފަ އެވެ. އަދި ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރި ނަމަވެސް އަދި އެދެވޭ ހައްލެއް ނާންނަ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
"ކުރިން އުފާވެރިކޮށް އުޅުނު ގުރްމީތު އަދި ދެބީނާ މިހާރު އުފާވެރި އެއް ނޫން. ކަންކަން ދަނީ ރަނގަޅަކަށް ނޫން،" އޭނާ އާއި ހަވާލާދީ ނޫސްތަކުން ބުނެފައިވެ އެވެ.
ދެމީހުންގެ ގުޅުން ރަނގަޅު ކުރުމަށް މި މަހުގެ 24 ވަނަ ދުވަހު ދެމަފިރިން ވަނީ އެކުގައި ސްރީލަންކާ އަށް ކުރު ޗުއްޓީ އަށް ވެސް ގޮސްފަ އެވެ. ނަމަވެސް ދެ ދުވަސް ފަހުން ދެ މީހުން ދެ ފްލައިޓެއްގައި ވަނީ އެނބުރި އައިސްފަ އެވެ.
ޚަބަރުތައް ބުނާ ގޮތުން ލަންކާގައި ވެސް ދެމީހުންގެ ދޭތެރޭ ހޫނު ދެބަސްވުމެއް ދިޔަ އެވެ. އެއަށް ފަހު ދެމީހުން އެކަކު އަނެކަކާ ވާހަކަ ދައްކަން ބޭނުން ނުވުމުގެ އިތުރުން އެކުގައި ދަތުރު ކުރަން ވެސް ބޭނުން ނުވީ އެވެ. ގުރްމީތު އެނބުރި މުމްބާއީ އަށް އައީ ހެނދުނު އެވެ. ދެބީނާ އައީ އޭގެ ފަސް ވަރަކަށް ގަޑި އިރު ފަހުން ކަމަށް ވެ އެވެ.
ދެމީހުން ކައިވެނި ކުރީ ފަސް އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު އެވެ. ދެމީހުން ވަނީ އެކުގައި 'ރާމާޔަން' ކިޔާ ޓިވީ ސީރީޒް އެއްގައި ވެސް މަސައްކަތްކޮށްފަ އެވެ.