29 Oct 2016, 09:16
އައްޑޫ ސިޓީ ހުޅުމީދޫން ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވައި ރޭ މޫދުން ފެނުނު މީހާ މަރުވީ ގެނބިގެން ކަމަށް ހުޅުމީދޫ ހެލްތު ސެންޓަރުން ބުނެފި އެވެ.
ހަބަރެއް ނުވެގެން އާއިލާ އިން ރިޕޯޓް ކުރުމުން ހޯދަނިކޮށް ރޭ 6:50 އެހާކަންހާއިރު އިސްމަހެލާ ކައިރި މޫދު އަޑިން މަރުވެފައިއޮށްވައި ފެނުނީ މީދޫ، ސައިމާގޭ، އަބްދުﷲ ޝަރީފް، 39، އެވެ.
ހުޅުމީދޫ ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓާ އިބްރާހިމް ދީދީ މިއަދު ސަން އަށް ވިދާޅުވީ ޝަރީފް ބެއްލެވި ޑޮކްޓަރުން ނިންމާފައި ވަނީ އޭނާ މަރުވީ ގެނބިގެން ކަމަށެވެ.
"އޭނާ ހަށިގަނޑުން އެހެން ކަމެއް ފެންނާކަށް ނެތް، ގެނބިގެން މަރުވީ ކަމަށް ނިންމީ،" އިބްރާހިމް ދީދީ ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މީދޫއިން އިސްމަހެލާ އަށް ޝަރީފް އިއްޔެ ދާން އުޅުނީ ދަނޑިއެއް ކެނޑުމަށެވެ. މީދޫއިން އިސްމަލެހާއަށް ދެވެނީ، މޫދެއް ހުރަސްކޮށް ފަތާފައި ކަމަށްވާ އިރު ޝަރީފަށް އެހާ ރަނގަޅަށް ފަތަން ނޭނގޭ ކަމަށް އެރަށުން ވާހަކަ ދެއްކި މީހުންބުނެ އެވެ. އަދި އެ ތަނަކީ ވަރަށް އޮއެ ގަދަ ތަނެއް ކަމަށްވެ އެވެ.
"އޭނާ ދޯނި ފަހަރުގައި ވެސް މަސައްކަތްކުރޭ، އެކަމަކު ފެހިކަހާ ކަންކަން ކުރާއިރު ވެސް ވަލެއްގައި ހިފައިގެން އޮންނަކަމަށްވަނީ، އޭނާ ފަތަން ނުދަންނަ ކަމަށް ވަނީ،" މީދޫއިން ވާހަކަދެއްކި މީހަކު ބުންޏެވެ.
ޝަރީފުގެ މަރުގެ ހަގީގަތް ދެނެގަތުމަށް ފުލުހުން ފޮރެންސިކް ތަހުގީގަށް ލޭ ސާމްޕަލް ނަގައި އެމަސައްކަތް ދަނީ ކުރަމުންނެވެ.