29 Oct 2016, 09:20
އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ޕާކިސްތާނު ފަންނާނުން ހިމަނައިގެން ބޮލީވުޑް އެއްވެސް ފިލްމެއް އުފެއްދުން މަނާކޮށްފައި ވާތީ، ޑައިރެކްޓަރި ގޯރީ ޝިންދޭގެ ކުރިއަށް އޮތް ފިލްމު 'ޑިއާ ޒިންދަގީ' އިން ޕާކިސްތާނު އެކްޓަރު އަލީ ޒަފަރުގެ ރޯލު އުނިކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.
ޚަބަރުތައް ބުނާ ގޮތުން ކާމިޔާބު ފިލްމު 'އިންގްލިޝް ވިންގްލިޝް'ގެ ޑައިރެކްޓަރު ގޯރީ، 'ޑިއާ ޒިންދަގީ' އިން އަލީ ޒަފަރުގެ ރޯލު އުނިކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ވަރަށް ސިއްރުންނެވެ.
މަހާރާޝްތުރަ ޕާޓީ އިން ވަނީ ޝޫޓިންގް ނިމިފައިވާ ފިލްމުތަކުގައި ޕާކިސްތާނު އެކްޓަރުން ހަރަކާތްތެރިވި ނަމަވެސް މައްސަލަ އެއް ނޫން ކަމަށް ބުނެފަ އެވެ. ނަމަވެސް ކަރަން ޖޯހަރުގެ އެންމެ ފަހުގެ ފިލްމު 'އޭ ދިލް ހޭ މުޝްކިލް'ގައި ޕާކިސްތާނު އެކްޓަރު ފަވާދު ޚާންގެ ކުޑަ ރޯލެއް ހިމެނޭތީ ބޮޑު ޚިޔާލު ތަފާތުވުންތަކެއް އުފެދި ފިލްމު ރިލީޒް ނުކުރެވޭނެ ކަމަށް ވެސް ހީވި އެވެ.
އެހެންކަމުން 'ޑިއާ ޒިންދަގީ' އަށް އެފަދަ އުނދަގޫތަކަކާ ކުރިމަތިލާން ބޭނުން ނުވާތީ ފިލްމުގެ ކޯ ޕްރޮޑިއުސަރުން ކަމުގައިވާ ޝާހު އަދި ކަރަން ވެސް، ފިލްމުން އަލީ ޒަފަރުގެ ބައި އުނި ކުރަން ގަބޫލު ކަމަށް ޚަބަރުތައް ބުނެ އެވެ.
އެ ފިލްމުގައި ލީޑު ރޯލުތަކުން ފެނިގެން ދާނީ ބޮލީވުޑްގެ ރަސްގެފާނު ޝާހް ރުކް ޚާން އާއި މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު އެއް ފަންނާނު ކަމުގައިވާ އާލިއާ ބަޓް އެވެ.
އެ ފިލްމުގައި އާލިއާ އާއި ޝާހުގެ އިތުރުން، ހަތަރު ބަތަލުން ހިމެނޭނެ އެވެ.
ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ މަހު އެވެ. މިހާރު އަލުން އަލީ ޒަފަރު އަދާކުރި ރޯލު އެހެން ފަންނާނަކު ލައްވައި ކުޅުވޭނެ ވަގުތު ނެތުމުން، އެ ރޯލު އެއްކޮށް އުނި ކުރާނީ ކަމަށް ބެލެވެ އެވެ.