ޕެޓެއްގެ ގޮތުގައި މަސް ގެންގުޅުމަކީ ގިނަ ބަޔަކު ލޯބިކުރާ ކަމެކެވެ. ތަފާތު ވައްތަރުގެ މަސް ގެންގުޅުމަކީ ބައެއް މީހުން އަދި މާ ޝައުގުވެރިވާ ކަމެކެވެ. ނަމަވެސް ކިތަންމެ ކުޑަ ނަމަވެސް، ބައެއް ވައްތަރުގެ މަސްމަހާ މެއްސަކީ އޭގެ އަގު އަރައިގެންދާ އެއްޗިއްސެވެ.

އެގޮތުން ދުނިޔޭގެ އެންމެ މުއްސަނދި ޕެޓް މަހަކީ އާދައިގެ މީހަކު ގަތުމަށް އަތް ފޯރާވަރުގެ މަހަކަށް ނުވެދާނެ އެވެ. ފޯރާ މީހެއް ނަމަވެސް އޭގެ މަހެއް ގެންގުޅުމަކީ ދަތި ނުވަތަ ބޮޑު ކުށެކެވެ. ސަބަބަކީ އެ މަހަކީ ދުނިޔޭން ނެތި ދިއުމުގެ ބިރު ހީވެފައިވާ، ހިފައި އޭގެ ވިޔަފާރިކުރުން މަނާކޮށްފައިވާ މަހަކަށްވާތީ އެވެ.

"އޭޝިއަން އެރޯވަނާ" ނުވަތަ މަޝްހޫރު ނަމުންނަމަ "ޑުރެގަން ފިޝް" އަކީ ދިގު ތާރީހެއް އޮތް ބަލާލަން ރީތި މަހެކެވެ. އެ މަސް އާއްމުކޮށް ފެންނަނީ ދެކުނު އެމެރިކާ އާއި އިރުމަތީ އޭޝިއާ އަދި އެފްރިކާގެ ބައެއް ކުޅިތަކާއި ފެން ހެދިފައިވާ ޖަންގަލިތަކުންނެވެ.

ގާތްގަނޑަކަށް 36 އިންޗިއަށް ބޮޑުވާ އެ މަހުގެ އެކި ކުލައިގެ މަސް ހުންނައިރު، ރަތް ކުލައިގެ އޭޝިއަން އެރޯވަނާ އަކީ އޭގެ ތެރެއިން ވެސް އެންމެ އަގުބޮޑު އެއް ވައްތަރެވެ.

އެމެރިކާގެ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުތަކުންނާއި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން (އައިޔޫސީއެން)ގެ ރެޑް ލިސްޓުގައި ވެސް ހިމަނާފައިވާ އޭޝިއަން އެރޯއަނާ އަކީ 1970ގެ އަހަރު ތަކުން ފެށިގެން ބައިނަލްއަގްވާމީ އެކުއޭރިއަމް ވިޔަފާރީގެ ކަޅު ބާޒާރުގައި ބޮޑު އަގެއްގައި ވިއްކަމުންދާ މަހެކެވެ.

ލިޔުންތެރިއާ އެމިލީ ވޮއިގްގެ "ޑުރެގަން ބިހައިންޑް ދަ ގުލާސް: އަ ޓުރޫ ސްޓޯރީ އޮފް ޕަވާ، އޮބްސެޝަން އެންޑް ދަ ވޯލްޑްސް މޯސްޓް ކޮވެޓް ފިޝް" އަކީ އޭޝިއަން އެރޯއަނާގެ ކަޅު ބާޒާރުގެ ވިޔަފާރި ހޯދައި ލިޔުނު ފޮތެކެވެ.

އެ ފޮތުގައި ބުނެފައިވާ ގޮތުގައި، އޭޝިއަން އެރޯއަނާގެ މަހެއް ކަޅު ބާޒާރުގައި 150،000 ޑޮލަރާއި 300،000 ޑޮލަރާ ދެމެދުގައި ވިއްކާ ކަމަށެވެ. އަދި ގުދުރަތީ މާހައުލުން ހިފައި، އަމިއްލަ ފާމްތަކުގައި ދިރުވާ އާލާކޮށް އަހަރެއްގެ ތެރޭގައި އޭގެ އެތައް ހާސް މަހެއް ވިއްކާ ކަމަށް ބުނެފައިވެ އެވެ.

އޭޝިއަން އެރޯއަނާގެ ކަޅު ވިޔަފާރި ހޯދުމަށް 15 ގައުމަކަށް ގޮސް ލިޔުނު އެ ފޮތުގައި ބުނެފައި ވަނީ، އެ މަސް ދިރުވާ އާލާކުރަނީ އިރުމަތީ އޭޝިއާގެ ސެކިއުރިޓީ ވަރުގަދަ މަސް ދަނޑުތަކެއްގައި ކަމަށާއި މަސް އެއްތަނުން އަނެއް ތަނަށް ގެންގޮސް ހަދަނީ ހަތިޔާރު އެޅި މީހުންގެ އެހީގައި ކަމަށެވެ.

އެންމެ މަދުވެގެން 1135 ލީޓަރުގެ ފެން ހުންނަ ޓޭންކެއްގައި ގެންގުޅެވޭނެ އޭޝިއަން އެރޯއަނާ އަކީ ވަރަށް ގަދަ އަށް ކާ އުމުރު ދިގު މަހެކެވެ. އަދި އެ މަހަށް މީހުން ފާހަގަކުރުމުގެ ގާބިލް ކަން ލިބިފައިވާ އިރު، އޮޅުކޮށްގެން އަމިއްލަ އަތުން ވެސް ކާންދީ ގެންގުޅެވެ އެވެ.