ޕީޕިއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފެކްޝަނުގެ ބޭފުޅުން ޕީޕީއެމް އޮފީސް ހިންގާ އިމާރާތް ހ. ތެމާއަށް ވަދެފައިވަތީ އެ މައްސަލަ ރައީސް މައުމޫނުގެ ފެކްޝަންގެ ބޭފުޅުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ޕީޕީއެމްގެ ދެ ފެކްޝަންގައި މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކާއެކު ރޭ ބަންދުކޮށްފައި ހުރި ޕީޕީއެމްގެ އޮފީހަށް ރައީސް ޔާމީން ފެކްޝަނުން މިހާރު ވަނީ ވަދެފަ އެވެ.

ޕީޕީއެމް ރައީސް މައުމޫނު ފެކްޝަނުގެ ނައިބު ރައީސް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) ވިދާޅުވީ ޕީޕީއެމް ހިންގަމުން ދިޔަ އޮފީހަކީ ޕީޕީއެމްއާ އެކު އެއްބަސްވުމެއް ހެދިފައިވާ އިމާރާތެއް ނޫން ކަމަށެވެ. އެއީ ވަކި ފަރުދަކާއެކު އެއްބަސްވުމެއް ހެދިފައި އޮތްތަނެއް ކަމަށާއި އެހެންކަމުން ޕީޕީއެމް އޮފީހެއް ކަމަށް ބުނެ އެތަނަށް ނުވަދެވޭ ކަމަށް ވައްޑޭ ވިދާޅުވި އެވެ.

ޕީޕީއެމްގެ ތަރުޖަމާން އަލީ އާރިފް ވިދާޅުވީ ކޯޓު ހުކުމުގައި ވާގޮތުން ޕީޕީއެމް އޮފީސް ހިންގަންޖެހޭނީ އެބޭފުޅުން ކަމަށެވެ. އޭނާ ވިދާޅުވީ ޕީޕީއެމް ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ކޯޓުން ހުކުމް ކޮށްފައިވަނިކޮށް އެހެން ބޭފުޅަކަށް ޕާޓީގެ އޮފީސް ނުހިންގޭނެ ކަމަށެވެ.

ޕީޕީއެމް ރައީސް މައުމޫނު ފެކްޝަނުން މިރޭ ކުއްލި ކައުންސިލް ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފަ އެވެ. އެބައްދަލުވުމުގައި ޕާޓީ އޮފީހާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޕީޕީއެމްގެ ފަރާތްތަކަށް ޕީޕީއެމް އޮފީހަށް ވަންނަން ފުރުސަތު ދިނީ ކޯޓުން ކޮށްފައިއޮތް ހުކުމާ އެއްގޮތަށް ކަމަށެވެ.