28 Oct 2016, 20:59
މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގެ ފުރަތަމަ މެޗުތައް ދ. ކުޑަހުވަދޫ އާއި ތ. ތިމަރަފުށި ކާމިޔާބުކޮށްފި އެވެ.
މިއަދު ހަވީރު އަމިއްލަ ދަނޑުގައި ކުޅުނު ގްރޫޕް އެކެއްގެ މެޗުގައި އދ. މަހިބަދޫ އަތުން ކުޑަހުވަދޫ ވަނީ މޮޅުވެފަ އެވެ.
މަހިބަދޫގެ މައްޗަށް ކުޑަހުވަދޫ ކުރި ހޯދާފައިވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗުގެ 38 ވަނަ މިނެޓުގައި ކުޑަހުވަދޫގެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ޖުމައިލް ޖަމީލެވެ.
ގްރޫޕް ދޭއްގައި މިއަދު ކުޅުނު މެޗުގައި ނ. ލަންދޫގެ މައްޗަށް އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ތިމަރަފުށި ވަނީ ކުރި ހޯދައިފަ އެވެ.
އެ މެޗުގައި ލަންދޫގެ މައްޗަށް ތިމަރަފުށި ކުރި ހޯދާފައިވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗުގެ 83 ވަނަ މިނެޓުގައި ތިމަރަފުށީގެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އަބްދުﷲ މުނާޒް އެވެ.
ޖުމްލަ 75 ޓީމު ވާދަކުރި އެ މުބާރާތުގެ ޒޯން ޗެމްޕިއަންކަން ހޯދައި ފައިނަލް ބުރުން ޖާގަ ހޯދާފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން ސ. ފޭދު އާއި، ހދ. ހަނިމާދޫ އާއި، ނ. ލަންދޫ އާއި، ބ. އޭދަފުށްޓާއި، އދ. މަހިބަދޫ އާއި، ދ. ކުޑަހުވަދޫ އާއި، ތ. ތިމަރަފުށި އަދި ގއ. ދެއްވަދޫ އެވެ.
އެ ޓީމުތައް ދެ ގްރޫޕަކަށް ބަހާލާފައިވާ އިރު، ގްރޫޕް އެކެއްގައި ހިމެނެނީ ކުޑަހުވަދު އާއި، އެންމެ ފަހުގެ ޗެމްޕިއަން ސ. ފޭދު އާއި، އދ. މަހިބަދޫގެ އިތުރުން ގއ. ދެއްވަދޫ އެވެ. އެ ގްރޫޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ދ. ކުޑަހުވަދޫގައެވެ.
މުބާރާތުގެ ގްރޫޕް ދޭއްގައި ހިމެނެނީ ތ. ތިމަރަފުށްޓާއި، ބ. އޭދަފުށްޓާއި، ނ. ލަންދޫ އަދި ހދ. ހަނިމާދޫ އެވެ. އެ މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ތ. ތިމަރަފުށީގައެވެ.