28 Oct 2016, 20:47
ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ހަވާލުކުރަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައިވާގޮތުން ޕާޓީގެ އޮފީސް ހިންގަންޖެހޭނީ ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ކަމަށް ޕީޕީއެމްގެ ތަރުޖަމާން އަލީ އާރިފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ އާރިފް މިރޭ ސަން އަށް ވިދާޅުވީ ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ކޯޓުން ހުކުމް ކޮށްފައިވަނިކޮށް އެހެން ބޭފުޅަކަށް ޕާޓީގެ އޮފީސް ނުހިންގޭނެ ކަމަށެވެ.
"ކޯޓު ހުކުމާ ދެކޮޅަށް އެއްވެސް މީހަކު ކުރާ ކަމަކީ އެއީ ޣައިރު ގާނޫނީ ކަމަކަށްނޫންތޯ ވާނީ. ކޯޓުގެ ބަހަކީ އެންމެ ފަހުބަސް. އެންމެ ކޯޓަކުން ނޫން ހުކުމް ކޮށްފަ އޮތީ. ތިން ކޯޓުން އެ ވަނީ ހުކުމް ކޮށްފައި،" އާރިފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ އޮފީހާ ހަވާލުވާން ރައީސް ޔާމީންގެ ފަރާތްޕުޅުން ޕާޓީގެ އިދާރީ ޓީމް މިހާރު ވަނީ އެތަނަށްގޮސް ކަމަށެވެ.
އެކަމަކީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ތުލުސްދޫ ދާއިރާގެ މެމްބަރު އަދި ޕާޓީގެ ނައިބު ރައީސް މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ވިދާޅުވީ ރައީސް ޔާމީންގެ ފެކްޝަން ބޭފުޅުންގެ އަތުގައި ކޯޓު އަމުރެއް ނެތް ކަމަށެވެ.
ވައްޑޭ ވިދާޅުވީ ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުން ބޭއްވެންދެން ޕާޓީގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ކަމަށާއި އެ ހުކުމްގައި ބުނާ 24 ގަޑިއިރުގެ ތެރޭގައި ކައުންސިލް ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ.
ޕީޕީއެމް އޮފީހާއި އެ އޮފީހުގައި ހުރި ލިޔެކިޔުންތަކާއި މުދަލާއި ބެހޭ އެއްވެސް ވާހަކައެއް އެ ހުކުމްގައި ނެތް ކަމަށް ވެސް ވައްޑޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ އޮފީސް ހިންގާ ހ. ތެމާގެ ވެރިފަރާތުން މިހާރު އެ އޮފީސް ހަވާލުކޮށްފައި ވަނީ ވަކި ފަރުދަކަށް ކަމަށާއި އެ އޮފީހަކީ މިހާރު ޕީޕީއެމްގެ ތަނެއް ނޫން ކަމަށެވެ.