28 Oct 2016, 20:01
ޕީޕީއެމް ދެމެދުގައި އުފެދިފައިވާ ހަމަ ނުޖެހުންތަކާ އެކު ރޭ ތަޅުއަޅުވާފައި ހުރި ޕީޕީއެމްގެ އޮފީހަށް ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ ފަރާތްތަކުން ވަދެއްޖެ އެވެ.
ރޭގެވަގުތެއްގައި ޕީޕީއެމް އޮފީސް ބަންދުކޮށްފައި ވަނީ ރައީސް މައުމޫނަށް ތާއީދު ކުރައްވާ ފަރާތްތަކުން އެތަނުގައި ޕާޓީގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ތައްޔާރުވެފައި ވަނިކޮށެވެ.
މިހާރު ރައީސް ޔާމީނަށް ތާއީދު ކުރައްވާ ފަރާތްތަކުން އޮފީހަށް ވަދެފައިވާ އިރު އެބޭފުޅުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ. އަދިވެސް އެފަރާތްތަކުން ޕީޕީއެމް އޮފީހުގައި ހަރަކާތްތެރިވަމުންދާއިރު މަންޒަރުން ދުށް ބައެއް މީހުން ބުނީ އޮފީހުގެ ތަޅު ބަދަލުކުރާ މަންޒަރު ވެސް ފެނިފައިވާ ކަމަށެވެ.

ޕީޕީއެމް އޮފީސް ކައިރީ ފުލުހުން މިއަދު ހަރަކާތްތެރިވަނީ --- ސަންފޮޓޯ// ފަޔާޒު މޫސާ
ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޕީޕީއެމް އޮފީސް ހުޅުވޭނީ ދެ ފަރާތުގެ މީހުންގެ ހާޒިރުގައި ކަމަށް ފުލުހުން ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ އޮފީހުގައި މުވައްޒަފުންގެ އަމިއްލަ ތަކެއްޗާއި ހެޔޮއެދޭ ފަރާތްތަކުން ރޭގެ ހަފްލާއަށް ހަރަދު ކުރި ތަކެތި ވެސް ހިމެނޭ ކަމަށް ވިދާޅުވެ ޔުމްނާ ވަނީ ޓުވީޓް ކުރައްވައިފަ އެވެ.