28 Oct 2016, 19:00
ވޭތުވެދިޔަ ހަފްތާ ތެރޭގައި އައިއެސް ޖަމާއަތުން މޫސަލް އާއި އެ ސިޓީ ކައިރީގައި ދިރިއުޅޭ އާއްމުންގެ 232 މީހުން މަރާލާފައިވާ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނެފި އެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ ތަރުޖަމާން ރަވީނިއާ ޝަމްދަސަނީ ވިދާޅުވީ، މިދިޔަ ބުދަ ދުވަހު އާއްމުންގެ 232 މީހުން ގަޔަށް އައިއެސް ޖަމާއަތުން ބަޑި ޖަހައި މަރާލާފައިވާ ކަމަށެވެ. އަދި މަރާލި މީހުންގެ ތެރޭގައި އިރާގުގެ އަސްކަރިއްޔާގައި ޚިދުމަތްކޮށްފައިވާ އޮފިސަރުންގެ 190 މީހުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އދ. އިން ބުނީ މަރާލި މީހުންގެ އަދަދު އެއަށްވުރެ ވެސް އިތުރުވެދާނެ ކަމަށެވެ.
ޝަމްދަސަނީ ވިދާޅުވީ މޫސަލް ހިފަން އެ ސިޓީއާ ކައިރިވާ ވަރަކަށް އާއްމުން އިންސާނީ އައްޑަނައަކަށް ބޭނުން ކުރުން އިތުރުކުރުމަކީ އައިއެސްގެ އަމާޒެއް ކަމަށެވެ.
"އައިއެސް އިން ދަނީ މޫސަލްގެ ބައެއް ޑިސްޓުރިކްޓުތަކުން އެތައް ހާސް އާއްމުންނެއް އެމީހުންގެ ގެތަކުން ނުކުތުމަށް މަޖުބޫރު ކުރަމުން،" ޝަމްދަސަނީ ވިދާޅުވި އެވެ.
އިރާގު ސިފައިންނާއި ކުރުދީ ހަނގުރާމަވެރިން އަދި ޝިއައީ ހަނގުރާމަވެރިންގެ 50،000 މީހުންގެ ލަޝްކަރަކާ އެކު މޫސަލް ހިފުމުގެ ހަނގުރާމަ ފެށީ މީގެ އަށް ދުވަސް ކުރިންނެވެ. އަދި އެ ހަނގުރާމައިގާ އިރާގު ސިފައިންނަށް ކާމިޔާބު ލިބެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އެމެރިކާ ސިފައިންގެ ސެންޓްރަލް ކޮމާންޑުގެ ވެރިޔާ ޖެނެރަލް ޖޯސެފް ވޮޓެލް ވިދާޅުވި ގޮތުގައި، ހަނގުރާމަ ފެށުމުގެ ކުރިން އައިއެސްގެ ގާތްގަނޑަކަށް 3،000-5،000 ދެމެދުގެ އައިއެސްގެ ހަނގުރާމަވެރިން މޫސަލްގައި ހަރަކާތްތެރިވި ނަމަވެސް، ހަނގުރާމައިގާ މިހާތަނަށް އައިއެސްގެ 800-900 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސަލް އެކުގައި ހިފައި އައިއެސްގެ ހަނގުރާމަވެރިން އެތަނުން ފައްސާލުމާށް އަދި މަސްތަކެއް ނަގާނެ ކަމަށް ބެލެވޭއިރު، ހަނގުރާމައިގެ 60 ގާތްކުރާ އަދަދެއްގެ އިރާގުގެ ސިފައިން ވަނީ މަރުވެފައެވެ.